މިއަހަރު ރާއްޖޭގެ އިގްތިޞާދު 10.5 ޕަސެންޓް ކުރިއަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާކޮށްފި އެވެ. 2014 ވަނަ އަހަރު އިގްތިސާދު ކުރިއަރާފައި ވަނީ 8.5 ޕަސެންޓަށެވެ.

އިގްތިޞާދު ކުރިއަރާނެ ކަަމަށް ލަފާކޮށްފައި މިވަނީ ފަތުރުވެރިން އަންނަ އަދަދު އިތުރުވުމާއި އިމާރަތްކުރުމުގެ ދާއިރާއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުންތަކުގެ ސަބަބުންނެވެ. 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު އިމާރަތްކުރުމުގެ ދާއިރާ ދަށްވުމަށް ފަހު މިހާރު ކުރިއަރަންފަށާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ފަތުރުވެރިކަން ކުރިއަރާނެ ކަަމަށް ލަފާކޮށްފައިވީނަމަވެސް ރަޝިއާއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލައިގެ ސަަބަބުން ފަތުރުވެރިން އަންނަ އަދުދު މަދުވެދާނެ ކަަމަށް ލަފާކުރެވޭ ކަަމަށެވެ.

ސްޕެޝަލް އިކޮނަކިމް ޒޯންތަކުންނާއި އަލަށް ހަދާ ރިސޯޓްތަކުން ދައްކަންޖެހޭ ކުލީގެ ފައިސާ އާއި އެކު މިއަހަރަކީ އިގްތިސާދީ ގޮތުން ރަނގަޅު އަހަރެއް ކަަމަށް އެ ރިޕޯޓުގައި ވެއެވެ. އެހެންނަމަވެސް ގޮންޖެހުންތަކެއް އެބަހުރި ކަަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސަރުކާރުން ލަފާކޮށްފައިވާ މިންވަރަށް ވުރެ ސަރުކާރަށް ލިބޭ އާމްދަނީ މަދުވެދާނެ ކަމަށް ބުނެފައިވެއެވެ. އަދި ސައިކަލުން ނަގަން ހުށަހެޅި ޑިއުޓީ ނުނަގާ ގޮތަށް ނިންމުމާއި ޓީޖީއެސްޓީން ލިބޭނެ އާމްދަނީ ކުޑަވުން ހިމެނޭކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ކަރަންޓް ސަބްސިޑީ އެކަށީގެންވާ ނިޒާމެއްގެ ދަށުން ނުދެވޭނަމަ ސަރުކާރުގެ ޚަރަދު އިތުރުވެރުވެގެންދާނެ ކަަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައި ވެއެވެ.