ރާއްޖޭގެ ތަރައްގީއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ހައްލަކީ 'އިކޮނަމިކްސް' ކަމަށާއި 'ޕޮލިޓިކްސް' ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގައި ކުރިއަށްދާ ކުންމިން ފެއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުން އެމަނިކުފާނު ހޮއްވެވީ އިގްތިސާދީ ބޮޑު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ އިގްތިސާދީ ދަތިތަކުން އަރައިގެނެ އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންވެސްޓަރުންގެ އިތުބާރު ގާއިމުކުުރުމަކީ އެމަނިކުފާނުގެ އެޖެންޑާގައި ހިމެނޭ އެެއްމެ މުހިއްމު އެއްކަންތައް ކަމަށެވެ.

ތަރައްގީގެ އުސްމިންތަކަށް ދިއުމަށްޓަކައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ ބޮޑެތި މަސައްކަތްތައް މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާއި ދެކުނުއޭޝިއާގެ އެހެން ގައުމުތަކުގައި އިންފްރާސްޓަރަކްޗާ ތަރައްގީކުރުމުގެ 'ރަން ފުުރުސަތުތަކެއް' ޗައިނާގެ ރައީސް ޝީޖިންޕިން ދެއްވާފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.

" ޗައިނާ އަކީ ވަރަށް ގާތް ރައްޓެއްސެއް އަދި އިތުބާރުކުރެވޭ ޕާޓްނަރެއް" ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭޝިއަން އިންފްރާސްޓަރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓަރަކްޗާ ތަރައްގީކުރުމުގައި އެހީތެރިވެދޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ. މީގެ އިތުރުން ޗައިނާ އިން ވަނީ 21 ވަނަ ގަރުނުގެ ސިލްކްރޫޓާއި ސިލްކްރޯޑް ފަދަ ފަންޑު ފަދަ ކަންތައްތަކުން ޗައިނާ އަށާއި ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށް އޭގެ ފައިދާވާނެ ކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސްކަމަށް ވަޑައިގތުމަށް ފަހު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ ކަަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެވަނަ ފޭސްގެ މަސައްކަތާއި މާލެ ހުޅުމާލެ ބްރިޖްގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ބްރިޖަށް 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް'ގެ ނަން ދިނުމަށް ޗައިނާގެ ރައީސް އާއި ރައީސް ޔާމިން އެއްބަސްވެފައިވާ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

ކުންމިން ފެއާގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރާއި ޕްރައިވެޓް ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެއެވެ.