ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމަށް ދައުލަތުގެ ބަޖެޓުން ދޫކުރުމަށް ހަމަޖައްސައިފައިވާ ލުއިލޯނުގެ ފުރަތަމަ ފިޔަވަހީގައި 35 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖައްސައި، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ހުޅުވައިލައިފި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވީ، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއި ސަރުކާރު ގުޅިގެން ގާއިމްކޮށްފައިވާ ލުއި ލޯނު ސްކީމްގެ ދަށުން، ލޯނު ދޫކުރަނީ ތިން ދާއިރާއަކަށް އަމާޒުކޮށްގެން ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތާއި އާޓް އެންޑް ހެންޑިކްރާފްޓް )އަތްތެރިކަމާއި ފަންނުވެރިކަމުގެ މަސައްކަތް( އަދި ރަށްރަށުގައި ޓޫރިޒަމް ދިރުވައި އާލާކުރުން ކަމަށް އިނާޒް ވިދާޅުވި އެވެ.

މީގެ ތެރެއިން ލޯނު ދޫކުރާނީ ދޮށީގެ މަސްވެރިކަން ނޫން އެހެން މަސްވެރިކަމުގެ މަސައްކަތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ސިނާއަތޭ އަޅުގަނޑުމެން މިކިޔަނީ ޕޯލް އެންޑް ލައިން ނޫނީ ދޮށީގެ މަސްވެރިކަން، އެނޫން އެހެން މަސްވެރިކަމުގެ އެކިއެކި މަސައްކަތްތަކަށް. އޭގެ ތެރޭގައި މަސް ހިއްކައި އަދި އެކުއާ ކަލްޗާ، މިފަދަ ފާމިން ފަދަ އެކިކަހަލަ މަސައްކަތްތަކަށް،" އިނާޒް ވިދާޅުވި އެވެ.

އެ ލޯނު ސްކީމްގެ ދަށުން ފަންނުވެރިކަމުގެ ދާއިރާއަށް ދޫކުރާނީ 250،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތައް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ. އަދި މަސްވެރިކަމާއި ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރަނީ 500،000 އާއި އެއް މިލިއަނާ ދޭތެރޭގެ އަދަދުތަކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެހެން މީގައި ގިނަ ފަރާތްތަކަކަށް ލޯނު ސީދާ ދިނުމެއް ނޫން. އެކަމަކު ދެވޭ ފަރާތްތަކުން އިގުތިސާދަށް އެނގުން އަންނާނެ ވަރުގެ ސިނާއަތްތަކެއް ނޫނީ އެކްސްޕޯޓް އިތުރުވާނެ ކަންތައްތަކެއް ކުރުން ހަގީގަތުގައި އަޅުގަނޑުމެންގެ މިފަހަރުގެ އަމާޒަކީ،" އިނާޒް ވިދާޅުވި އެވެ. "އެހެންވީމަ މިސާލަކަށް ހޮވޭ ހުރިހާ ބޭފުޅުން އެދިފައި އޮތީ އެއް މިލިއަނަށް ކަމުގައި ވަނީ ނަމަ، އޭގެ މާނައަކީ ގާތްގަނޑަކަށް 35 ވަރަކަށް ވިޔަފާރިއަށް މި ލޯނު ލިބޭނީ،"

އިނާޒު ވިދާޅުވި ގޮތުގައި، އެ ލޯނު ސްކީމްގެ 40 ޕަސަންޓު ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންހެނުންނަށެވެ.

"އަންހެނުންނަށް ޚާއްސަ ކުރާ ބައިން އަޅުގަނޑުމެން ލޯނު ދޫކުރުމުގައި މި ބަލައި މިންގަނޑަކީ، އެ ވިޔަފާރިއެއްގައި މަދުވެގެން އަންހެނުންގެ 51 ޕަސަންޓު ހިއްސާ އޮތުން،" އޭނާ ވިދާޅުވި އެވެ.

އިނާޒް އަދި ވިދާޅުވީ، ލޯނު ދޫކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށެވެ. އަދި އެއިން އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައިވާ ލޯނެއް ނުދައްކައިގެން މައްސަލައެއް ހިނގަމުންދާ ނަމަ، އެ ފަރާތަކަށް ލޯނު ދޫނުކުރާނެ ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ލޯނާ ބެހޭ މައުލޫމާތާއި ހުށަހަޅަން ޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މިއަހަރު ތެރޭ ލުއިލޯނުގެ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގާތްގަނޑަކަށް 75 މިލިއަން ދޫކުރާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބުނެ އެވެ. މިދިޔަ އަހަރުގެ 270 އަށް ވުރެ ގިނަ ފަރާތަށް، ލުއި ލޯނުގެ ގޮތުގައި 18.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިނިސްޓްރީން ހުޅުވާލައި ހުރިހާ ލޯނުތަކެއް މިހާރު ދޫކުރާނީ އެއް މިންގަނޑެއްގެ ދަށުންނެވެ. އެގޮތުން އެންމެ ގިނަވެގެން މިނިސްޓްރީން ދޫކުރަނީ އެއް މިލިއަން ރުފިޔާއެވެ. އެ ލޯން އަނބުރާ ދައްކަން ޖެހޭނީ އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަތް އަހަރު ދުވަހުގެ ތެރޭގައި އެވެ. އަދި ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނީ ލޯނުގެ މުޅި އަގަށްވާ މުދަލެއް ކަމަށާއި އިންޓްރެސްޓް ރޭޓް އުޅޭނީ ގާތްގަނޑަކަށް 7.5 ޕަސަންޓުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.