LIVE BLOG:
LIVE BLOG:

Last Updated:
1 decade 5 month ago

ތިން ދުވަހަށް ކުރިއަށް ގެންދަން އުޅުނު މުޒާހަރާ ރޫޅާލައިފި

    ބުލޮގު ޚުލާސާ

    އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިސްނަގައިގެން އަދާލަތު ޕާޓީއާ ގުޅިގެން ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ ތިން ދުވަހަށް އިހްތިޖާޖު ކުރުމަށް މަޖީދީމަގުގައި މުޒާހަރާގެ ބައިވެރިން އިށީންދެއްޖެ އެވެ.

    LIVE BLOG:
    LIVE BLOG:

    މުޒާހަރާގެ ބައިވެރިން އިށީންދެފައި ވަނީ ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ހިސާބު ހަތަރު އަނގޮޅި ކަންމަތީގަ އެވެ. މުޒާހަރާގެ ބައިވެރިންނާއެކު މަޖީދީމަގުގެ ބޮޑު ބައެއް ވަނީ ފުރިފަ އެވެ. މިރޭ 12:00 އަށް މުޒާހަރާ ނިންމާލުމަށް ފުލުހުން އެދިފައިވިޔަސް، އެމްޑީޕީން ބުނެފައި ވަނީ ދަންވަރަށް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ.

    ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އެމްޑީޕީން އިސް ނަގައިގެން އަދާލަތާއެކު ކުރިއަށް ގެންދާ މުޒާހަރާ-- ސަން ފޮޓޯ/ އަލީ ނަސީރު

    މުޒާހަރާ ފެށުމުގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެފައި ވަނީ މެންދަރު 12:00 ފަހުން ވެސް މުޒާހަރާ ކުރުމަށް ގާނޫނުން ބާރު ލިބިގެންވާ ކަމަށާއި މިރޭ ވެސް 12:00 ފަހުން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

    03:32

    ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ، އެމްޑީޕީން އިސްނަގައިގެން ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް މިރޭ ފެށި މުޒާހަރާ ދަންވަރު 12:00 ޖެހުމާއެކު ފުލުހުން ރޫޅާލުމުން، މުޒާހަރާ ބައިވެރިން ބައިބައިވެ، މުޒާހަރާ ނިންމާލައިފި އެވެ.

    މުޒާހަރާ ނިންމާލާފައި ވަނީ މެންދަމު 3:00 ގައި މުޒާހަރާ ލީޑު ކުރަން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރު ކުރި ހިސާބުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ގ. ކެނެރީގެ ގޯޅި ސަރަހައްދުންނެވެ. އެ ސަރައްދު މަޖީދީމަގަށް އެ ވަގުތު އެއްވެފައި ތިބި ބަޔަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އެ ތަނަށް އެއްވެފައި ތިބި އެހެން މީހުން ފުލުހުން ފައްސާލި އެވެ.

    މުޒާހަރާ ރޫޅާލަން ފުލުހުންގެ މަސައްކަތް ފެށީ 12:00 ގެ ފަހުން މުޒާހަރާ ނުކުރަން ފުލުހުން ކުރި އިލްތިމާސަށް ކިޔަމަން ނުވުމުންނެވެ. އަދި 11:00ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރަން ފުލުހުން އެންގުމުން އެކަމަށް ވެސް މުޒާހަރާގެ ބައިވެރިން ކިޔަމަން ނުވި އެވެ.

    ފުލުހުން މިރޭ ވަނީ ޕޯޑިއަމާއެކު އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ދެ ގާޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ގެންދިއުމުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ސަރަހައްދުގައި ހުންނަ ލެކިއުޓް ފިހާރައިގައި އަޑުގަދަ ކުރާ ހަރުކޮށްގެން އަޑު އުފުލި އެވެ. ފުލުހުން އެ ގެއަށް ވަންނަން އުޅުމުން އެ ގޭގައި ހަރުކޮށްފައި ހުރި އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލި އެވެ.

    މުޒާހަރާ ރޫޅާލަން ރަޔަޓް ފުލުހުން އެއްވުމުގެ ތެރެއަށް ވަތް ވަގުތު، މުޒާހަރާ ލީޑުކުރަން ތިއްބެވި ބޭފުޅުން ތިބީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި އިށީންދެގެންނެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރި ވަގުތު އެ މީހުން އެ ސަރަހައްދުން ދުރަށް ލުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

    ނަމަވެސް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖައްސުމަށްފަހު، މަޖީދީމަގުގައި އިށީންދެގެން ތިބި މުޒާހަރާ ލީޑުކުރި ފަރާތްތައް ވެސް ފުލުހުން ވަނީ އެ ސަރަހައްދުން ފައްސާލާފަ އެވެ.

    03:19

    އަތަމާ ޕެލެސް ކައިރީ ހުރި ގޯޅިގަނޑެއްގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި.

    03:16

    މަހުލޫފު ހައްޔަރުކޮށްފައި ވަނީ، ކެނެރީގެ ގޯޅިތެރެއިން.

    ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް.

    03:09

    މަހުލޫފު ހައްޔަރުކޮށްފި.

    03:07

    ގ. ކެނަރީގެ ގޯޅި އާއި މަޖީދީމަގާ ގުޅޭ ސަރަހައްދަށް އެއްވެފައި ތިބި މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ފަށައިފި. އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމަށް ހަރަކާތްތެރި ވަނީ އާންމުކޮށް މުޒަހަރާތައް ކޮންޓްރޯލް ކުރަން ނުކުންނަ ފުލުހުންތަކެއް ނޫން.

    03:00

    މެގަފޯން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނިކޮށް، ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ދިއުމުން، މެގަފޯން ގެންގުޅުނު މީހުން ފިލައިފި. އެ މީހުންނާއެކު މަފުލޫފު ވެސް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި.

    02:08

    އަޑުގަދަ ކުރާ ބޭނުންކޮށްގެން އަނެއްކާވެސް މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފަށައިފި. މެގަފޯން ބޭނުންކޮށްގެން މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ޑރ. މުސްތަފާ ލުތުފީ.

    އޭނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ގ. ކެނެރީގެ ގޯޅި އާއި މަގީދިމަގު ގުޅޭ ސަރަހައްދުގައި. އެ ސަރަހައްދަށް ޖަމާވެފައި ތިބީ މަދު ބައެއް. މުޒާހަރާ ރޫޅާލުމާއެކު މުޒާހަރާ ވަނީ ވިއްސި ވިހާލިވެފައި. ބައެއް މީހުން މިހާރު ވަނީ ގެއަށް ގޮސްފައި.

    މެގަފޯން ބޭނުންކޮށްގެން ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވެފައި ވަނީ މިރޭގެ މުޒާހަރާ ހުއްޓާލިޔަސް، ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް. ނަމަވެސް މިރޭގެ މުޒާހަރާ ހުއްޓާލިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރޭ

    02:06އަހްމަދު އާޒިފް

    މުޒާހަރާގެ ބައިވެރިން މިހާރު އެއްވެފައި ވަނީ ގ. ކެނެރީގެ ހުންނަ ގޯޅި އާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި. އެ ސަރަހައްދުގައި މުޒާހަރާގެ އިސް ބައިވެރިން ވެސް އެބަތިބި.

    01:54

    މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ފައްސާލާފައި ވިޔަސް، އެ ސަރަހައްދާ ގުޅާ ބައެއް ގޯޅިތަކާއި މަގުތަކުގައި ކޮންމެ ވެސް ވަރަކަށް މުޒާހަރާގެ ބައިވެރިން އެބަތިބި. އަދި މުޒާހަރާ ލީޑު ކުރި ފަރާތްތައް މިހާރު ތިބީ ޗާންދަނީމަގު ދެކުނު ފަރާތުގައި.

    01:32

    ހަތަރު އަނގޮޅި ކަންމަތީގައި އިށީންދެގެން ތިބި ހުރިހާ ބޭފުޅުން ވެސް އެ ސަރަހައްދުން ދުރަށް ޖައްސައިފި. މުޒާހަރާ ލީޑު ކުރާ ފަރާތްތައް މިހާރު ތިބީ ޗާންދަނީމަގު ދެކުނު ފަރާތު، ލިންޗްޕިން ފިހާރަ ކައިރީގައި.

    01:02

    ހަތަރު އަނގޮޅި ކަންމަތީގައި އިށީންދެގެން ތިބި މުޒާހަރާގެ އިސް ބޭފުޅުން، އެ ސަރަހައްދުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފި. އަލީ އާޒިމް ރާއްޖެ ޓީވީއަށް އިންޓަވިއުދޭން ހުއްޓާ އޭނާ ވެސް ވަނި އެ ސަރަހައްދުން ދުރަށް ޖައްސާފައި.

    00:50އަހްމަދު އާޒިފް

    އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ކަމަށް ބެލެވޭ، ލެކިއުޓް ފިހާރަ ހިންގާ އިމާރާތުގެ ސެކިއުރިޓީ ގާޑު ފުލުހުން ބަލައި ފާސްކޮށްފައި. ފުލުހުން މިހާރު މަސައްކަތް ކުރަނީ އެ ގެއަށް ވަނުމަށް ކަމަށް ބެލެވޭ.

    އަޑުގަދަ ކުރާގެ އަޑެއް މިހާރަކު ނީވޭ.

    ލެކިއުޓް ފިހާރަ ހިންގާ އިމާރާތުގެ ސެކިއުރިޓީ ގާޑަކު ބަލައި ފާސްކުރަނީ-- ސަން ފޮޓޯ/ އަލީ ނަސީރު
    ލެކިއުޓް ފިހާރައިގެ ކައިރީގައި ރަޔަޓް ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު
    ލެކިއުޓް ފިހާރައިގެ ކައިރީގައި ރަޔަޓް ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު
    00:38

    މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި

    00:36

    މުޒާހަރާގެ ބައިވެރިން އެއްވި ސަރަހައްދު، މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަހައްދުގެ ބޮޑު ބަޔަކުން މުޒާހަރާގެ ބައިވެރިން ފައްސާލައި އެ ސަރަހައްދު ފުލުހުން ވަނީ ސާފުކޮށްފައި.

    00:31

    ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އަނެއްކާވެސް މުޒާހަރާގެ ބައިވެރިން ޖަމާވުމަށް މަފުލޫފު ގޮވާލައިފި. އޭނާ އެގޮތަށް ގޮވާލީ އެ ސަރަހަައްދުގައި ހުންނަ އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން.

    00:18އަހްމަދު އާޒިފްމުޒާހަރާގެ ތެރެއިން

    ހަތަރު އަނގޮޅި ކަންމަތީގައި އިށީންދެގެން ތިބި މުޒާހަރާގެ އިސް ބޭފުޅުން ވަށައިގެން ބެރިކޭޑް ޖަހައިފި. ބެރިކޭޑް ޖަހާފައި ވަނީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި، ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި

    މުޒާހަރާގެ އިސްފަރާްތްތަކުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅީގައި މަޑުކޮށްލައިގެން-- ސަން ފޮޓޯ: އަލީ ނަސީރު
    00:17

    މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ވަނީ ޖަހާފައި. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ.

    ޕެޕާ ސްޕްރޭ ގެ އަސަރު ކޮށްފައިވާ މީހަކަށް ފަރުވާދެނީ-- ސަން ފޮޓޯ: އަލީ ނަސީރު
    މުޒާހަރާގެ ބައިވެރިއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ-- ސަން ފޮޓޯ: އަލީ ނަސީރު
    ޕެޕާ ސްޕްރޭ ޖެހުމުން މުޒާހަރާގެ ބައިވެރިޔަކު ވެއްޓިފައި-- ސަން ފޮޓޯ: އަލީ ނަސީރު
    00:15އަހްމަދު އާޒިފް

    ރަޔަޓް ފުލުހުން މުޒާހަރާގެ ބައިވެރިން ތިބި ލެކިއުޓް ކައިރީގައި ތިބި މީހުން ދުރަށް ޖައްސަން ފަށައިފި. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުން އަދިވެސް ތިބީ އެ ސަރަހައްދުގައި އިށިންދެގެން. ނަމަވެސް އަދި އެ މީހުން ހައްޔަރެއް ނުކުރޭ.

    00:09

    މުޒާހަރާގައި ތިބި ކުޑަކުދިންނާއި އަންހެނުން އެ ސަރަހައްދު ދޫކޮށް ދިއުމަށާއި ކަމާ ނުބެހޭ މީހުން ވެސް އެ ސަރަހައްދުން ދިއުމަށް ފުލުހުން ތަކުރާރުކޮށް ދަނީ އެދެމުން. މުޒާހަރާ ރޫޅާލާއިރު ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނި.

    00:07

    ޝިލްޑުތަކާއެކު ނުކުމެ ތިބި ރަޔަޓް ފުލުހުން، މުޒާހަރާގެ ތެރެއަށް ވަދެއްޖެ. ނަމަވެސް މަޖީދީމަގުގައި އިށީންދެގެން ތިބި މީހުން އަދިވެސް އެ ސަރަހައްދު ދޫކޮށެއް ނުދޭ.

    00:05

    ތައްޔާރީ ހާލަތުގައި ތިބި ފުލުހުން ޝިލްޑާއެކު މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދުގައި އެތުރިލައިފި. ރަޔަޓް ފުލުހުންގެ އިތުރު ފައުޖެއް ވެސް އެ ސަރަހައްދުގައި އެބަ ތިބި.

    00:00

    މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި. އަދި މުޒާހަރާ ރޫޅާލުމުން ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނި.

    23:50

    މުޒާހަރާގެ ބައިވެރިން 12:00 ގެ ފަހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

    23:32
    މުޒާހަރާގެ ބައިވެރިން ބޭނުންކުރި ސައުންޑް ސިސްޓަމް ފުލުހުން ގެންދަނީ-- ސަން ފޮޓޯ: އަލީ ނަސީރު
    23:32

    އަޑުގަދަ ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގެ ގެއެއްގައި ހަރުކޮށްފައި ހުރި އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފަށައިފި

    23:26އަހްމަދު އާޒިފްމުޒާހަރާގެ ތެރެއިން

    މުޒާހަރާގެ ބައިވެރިން ތިބީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގައި އިށީންދެގެން. ސަރުކާރާ ދެކޮޅަށް އަދިވެސް ދަނީ އަޑު އުފުލަމުން. އަޑުގަދަ ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން، މިހާރު އަޑު އުފުލަމުންދަނީ ހުރިހާއެންމެން އެއް އަޑަކުން.

    23:24

    މުޒާހަރާގެ ތެރެއަށް ފުލުހުންގެ ފައުޖެއް ވަދެއްޖެ. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.

    23:22

    ގާޑިޔަލުގައި ޕޯޑިއަމާއެކު ބަހައްޓާފައިވާ އަޑުގަދަ ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

    23:06

    އަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ 11:00ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނަކުން އެނގެން ނެތް ކަމަށް. އަދި 11:00 ފަހުން ވެސް އަޑުގަދަ ކުރާ ބޭނުން ކުރާނެ ކަމަށް މަހުލޫފު ވިދާޅުވި.

    23:05އަހުމަދު ސާއިލް އަލީ

    ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ ސަން އަށް ވިދާޅުވީ 11:00 ހިނގުމާއެކު އަޑުގަދަ ކުރާ ބޭނުން ނުކުރަން ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސްކޮށްފައިވާ ކަމަށް.

    23:01

    ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ މުޒާހަރާގައި ބައިވެރިވީ 2000 ވުރެ ވެސް މަދު ބައެއް ކަމަށް. އެކަމުން ސާފުކޮށް ދައްކައިދެނީ ރައްޔިތުން ބޭނުންވަނީ ސުލްހަމަސަލަސް ކަމާއި ހަމަޖެހުން ކަން އުމަރު ވިދާޅުވި.

    22:59

    މުޒާހަރާގެ ބައިވެރިންނާ އިލްތިމާސްކޮށް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވާހަކަފުޅު ދައްކަވައިފި.

    ޑރ. މަޖީދު ވިދާޅުވީ މުޒާހަރާ ކުރަނީ ސަރުކާރާ ދެކޮޅަށް ނޫން ކަމަށާއި މުޒާހަރާ ކުރަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ވިދާޅުވި.

    އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު މުޒާހަރާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:53

    އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާއާ ގުޅިގެން ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުން

    ފުލުހުން މާލެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަނީ -- ފޮޓޯ ޕޮލިސް

    ޔާމީންގެ އަނިޔާވެރިކަން ހުއްޓުވާނަން. ޔާމީންގެ ވެރިކަން ވެސް ވައްޓާލާނަން. ވެރިކަން ވައްޓާލާފައި އަޅުގަނޑުމެންގެ މި މަސައްކަތް ހުއްޓާލާނީ.
    22:42

    ގާޑިޔަލެއްގައި ބަހައްޓާފައިވާ ޕޯޑިއަމަށް އަރައި، މުޒާހަރާގެ އިސް ބޭފުޅުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު.

    މުޒާހަރާގައި މަހުލޫފު ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:35

    މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދެވަނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ހުސައިން. ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރު އަލީ ހުސައިން މުޒާހަރާގެ އިސް ސަފުގައި ހަރަކާތެތެރިވެވަޑައިގެންނަވާއިރު، އެ ޕާޓީން ވަނީ މުޒާހަރާގައި ބައިވެރިނުވުމަށް ނިންމާފައި.

    ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:34

    ސަރުކާރަށް ކުރާ ޑިމާންޑުތައް ތަކުރާރު ކުރަން ފަށައިފި.

    22:32

    އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ޝަފީރު މުޒާހަރާގައި ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.

    ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް ޝިދާތާ އެދިވަޑައިގެންނެވި. އިދިކޮޅު ސަފުތަކާ ގުޅިގެން، ސަރުކާރުގެ "އަނިޔާވެރިކަން" ނިންމަށް ހުރިހާ ރައްޔިތުންނަށް ޝިދާތާ ވަނީ ގޮވާލައްވައިފި.

    އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ޝަރީފު ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:25އަހްމަދު އާޒިފްމުޒާހަރާގެ ތެރެއިން

    ދިގު ދެމިގެންދާނެ މުޒާހަރާއެއް ކުރާނެ ބައެއްގެ ނަމޫނާ މުޒާހަރާގެ ބައިވެރިން ދެއްކުމަށް ޝިފާޒު އެދިވަޑައިގެންފި.

    22:22

    މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު. އޭނާ ވެސް ވަނީ ނަޝީދާއިކާނަލް ނާޒިމާއި ޝެއިހް އިމްރާން މިނިވަންކޮށްދިނުމަށް އެދި އަޑުފުލަމުން.

    އެމްޑީޕީގެ މުޒާހަރާގައި ޝިފާޒު ވާހަކަަދައްކަވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:13

    ސަރުކާރަށް ކުރާ ޑިމާންޑު

    އިބޫ ވަނީ ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވާފައި.

    • ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުން

    • ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުން
    • ސިޔާސީ ދައުވާ ކުރުން ހުއްޓާލުން
    • ވިޔަފާރިވެރިންނަށް އުނދަގޫކޮށް، ގެއްލުން ދިނުން ހުއްޓާލުން
    22:11އަހްމަދު އާޒިފްމުޒާހަރާގެ ތެރެއިން

    އިބޫ ވިދާޅުވީ މިރޭ ފެށި އެއްވުމަކީ ސިލްސިލާއަކަށް ދެމިގެންދާނެ އެއްވުމެއް ކަމަށާއި އެކަން ހުއްޓަވާ ނުލައްވަވާނެ ކަމަށް. މުޒާހަރާ ކުރިއަށް ގެންދާނީ ސުލްހަވެރިކަމާއެކުގައި ކަމަށް އިބޫ ވިދާޅުވި.

    މުޒާހަރާގެ ބައިވެރިން މަގުމަތީގައި އިށީދެލައިގެން -- ސަން ފޮޓޯ އަލީ ނަސީރު
    22:08

    ފަރުދީ ޒިންމާގެ މުހިއްމުކަން މި ވަނީ މި ގައުމަށް ވަރަށް މުހިންމު ވެފައި. މި ގާނޫނު އަސާސީ އަނިޔާވެރި ކަމަކަށް ފުރުސަތެއް ނުދޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ގޮވާލަނީ ތިބޭފުޅުން ފަރުދީ ޒިންމާ ނަންގަވައި މަސައްކަތް ކުރިއަށް ގެންދިއުމަށް. އެހެން ނޫނީ މި ގައުމު ސޮއްސާލައިގެން ދާނީ އެތައް އަހަރެއް ފަހަތަށް.

    22:07

    މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި މުޒާހަރާގެ ބައިވެރިން މަޑުކޮށްގެން ތިބެ، ޕޯޑިއަމެއް ބަހައްޓައި، އަޑުގަދަ ކުރާ ބޭނުންކޮށްގެން ދަނީ އަޑު އުފުލަމުން. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އިބޫ

    ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ހިސާބު ހަތަރު އަނގޮޅި ކަންމަތީގައި އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން އިށީދެލައިގެން -- ސަން ފޮޓޯ އަލީ ނަސީރު
    22:06

    މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިބޫ ވާހަކަ ދައްކަމުން ދަނިކޮށް، މުޒާހަރާގެ ތެރެއަށް ވަތް ފުލުހުން ހިނގައްޖެ. އެ މީހުން އިބޫއާ ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް އަދި ނުލިބޭ

    މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ އަލީ ނަސީރު
    22:03

    މުޒާހަރާގެ ތެރެއަށް ވަތް ފުލުހުންނާ ވާހަކަ ދައްކަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ).

    ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ހިސާބު ހަތަރު އަނގޮޅި ކަންމަތީގައި އެމްޑީޕީގެ މުޒާހަރާ ކުރިއަށްދަނީ -- ސަން ފޮޓޯ އަލީ ނަސީރު