ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަކޫރަށް އެއަތޮޅު ވިލިގިލިން ރޭ ބަޔަކު ހަމަލާދިން މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާމެންދޫ އިސް މެޖިސްޓްރޭޓް ޙުމަދު ޝަކޫރަށް، ގއ. ވިލިނގިލީގައި ބަޔަކު ޙަމަލާ ދީ، ހިންގައިފައި ވާ އަނިޔާވެރި ޖަރީމާ އަކީ ދިމިގްރާތީ ވެރިކަމެއް ހިނގާ ޤައުމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެބަޔާނުގައި ވަނީ އެ ހަމަލާދިން ފަރާތްތަށް ހޯދައި އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

"މިފަދަ ފަރާތްތަކުގެ ނުރައްކާތެރިކަމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭ ފަދަ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން،" އެބަޔާނުގައި ބުނެފައިވެ އެވެ.

ގއ. ވިލިނގިލި: ސަން ފައިލް ފޮޓޯ

ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރައްވާ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަމުންދާ ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއްވެސް ބިރަކާ ނުލައި އިންސާފުވެރިކަމާއި އެކު މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރުންނަށް ވަނީ އެ ބަޔާނުގައި އިލްތިމާސްކުރައްވާފަ އެވެ.

"ޤާނޫނު އަސާސީގައި ވާ ގޮތުގެ މަތީން، އެއްވެސް ފަރާތަކުން ކުރިމަތި ކޮށްފާނެ ބިރަކަށް ޖެހިލުން ވުމެއް ނެތި، އަދި ތަޢައްޞުބުން އެއްކިބާ ވެ ތިބެ ދިވެހި ރައްޔިތުންގެ މެދުގައި ޢަދުލްއިންޞާފު ޤާއިމު ކުރުމުގެ މުޤައްދަސް ޤައުމީ މަސްއޫލިއްޔަތު އަދާ ކުރުން މަތީ ދެމިތިބުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިލްތިމާސް ކުރަ،" ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއަތޮޅު ދާންދޫ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވީ މެޖިސްޓްރޭޓް ޝުކޫރަށް ހަމަލާދީފައިވަނީ ރޭ 7:30 އެހާ ކަންހާއިރު ކަމަށެެވެ.

ވިލިގިލީގައި މިހާރު ދިރިއުޅުއްވާ ޝުކޫރު ރޭ އިރާކޮޅު ސައިކަލުގައި އެރަށު ބަނދަރު ސަރަހައްދުން ދަނިކޮށް ގުރޫޕަކުން އެއްލި ގާބުރިއަކުން ޖެހި ބޮލަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮލަށް ލިބުނު އަނިޔާއަށް ވިލިގިލީ ހޮސްޕިޓަލުން ވަނީ ފަރުވާވެސް ހޯދާފައި،" އޭނާ ވިދާޅުވިއެވެ

އޭނާ ވިދާޅުވީ ގާބުރިއަކުން މެޖިސްޓްރޭޓްގެ ބޮލުގައި ޖެހީ ކޮންބައެއް ކަން ނޭންގޭ ކަމަށާއި، އޭގެ ކުރިން އެއްވެސް އިންޒާރެއްވެސް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ ތަހުގީގުކުރަމުންނެވެ.