އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިސް ނަގައިގެން އަދާލަތު ޕާޓީއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މިރޭ ފަށާ މުޒާހަރާ ދަންވަރު 12:00 ގައި ނިންމާލުމަށް ފުލުހުން އަންގައިފި އެވެ.

މިރޭގެ މުޒާހަރާއާ ގުޅިގެން އިސްކަންދަރު ބިންޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ މުޒާހަރާގެ އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މުޒާހަރާގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، އެފަދަ ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

މިރޭ އިދިކޮޅުފަރާތްތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ފުލުހުންވަނީ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ފުލުހުން ހުށަހެޅި ކަންތައްތަކުގެތެރޭގައި ހިމެނެނީ:

  • 12:00 ގައި މުޒާހަރާ ނިންމާލުން.

  • މުޒާހަރާގެ ތެރޭގައި އެއްވެސް ޒާތެއްގެ ހަމަނުޖެހުމެއް. ނުހިންގުން
  • މުޒާހަރާގެތެރެއިން ކުއްކުށަށް އަރައި ނުގަތުން.
  • މީސް މީހުންގެ ގެދޮރަށް ގެއްލުން ނުދިނުން.
  • މަޖީދީ މަގުގައި މުޒާހަރާކުރާއިރު، ދުއްވާއެއްޗިއްސަށާއި ހިނގާ މީހުންނަށް ފުރުސަތު ދީގެން މުޒާހަރާ ކުރުން.

އެމްޑީޕީން އިސްނަގައިގެން އަދާލަތު ޕާޓީއާ ގުޅިގެން ބާއްވާ އެއްވުމާ ގުޅޭ ގޮތުން ފުލުހުންނާ ބައްދަލު ކުރި ފަރާތްތަކުގެ ތަފްސީލުތަކެއް ނަވާޒު ހާމައެއް ނުކުރައްވަ އެވެ.

މަޖީދީމަގުގައި އިށީންދެގެން ތިބެ، އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ މުޒާހަރާ ދަންވަރު 12:00 އަށް ނިންމާލުމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ. މިރޭ ދަންވަރު 12:00 ފަހުން މުޒާހަރާ ކުރިއަށް ގެންދާނަމަ ފުލުހުން ބާރުގެ ބޭނުން ކުރާނެތޯ ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ އެ ވަގުތު ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، ފުލުހުން އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖީދީމަގުގައި ބަޔަކު އިށީންދެ ތިބެގެން، އިހްތިޖާޖު ކުރަން ފެށުމުން "އޭގެ ސަބަބުން ނުކުމެދާނެ 'ނުބައަކުން' ރައްކާތެރިވުމަށް" އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ތިންދުވަސްވެސް ހަތަރު ދުވަސްވެސް އަދި ހަދުވަސްވެސް އަދި އެއަށްވުރެ ގިނަދުވަސްވިޔަސް، އިހުތިޖާޖު ނުކުރާށެކޭ ފުލުހުންނެއް ނުބުނާނަމޭ، އެހެންނަމަވެސް އެކަން އެކަން ދާގޮތުން، އޭގެ ސަބަބުން ނުކުމެދާނެ ކަންކަމުން ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުން އަބަދުވެސް އަޅަމުންދާނި،" ނަވާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ މަގުމަތީގައި ދުއްވާ އެއްޗެއްސާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިނުވާނެ ގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން އެއްވުން ކުރިއަށް ގެންދާނަމަ ފުލުހުން އެއްބާރުލުން ލިބޭނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.

އެމްޑީޕީ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ މިރޭގެ މުޒާހަރާ ފަށާނީ މެދުނުކެނޑި ތިން ދުވަހަށް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. ދަންވަރު ގަޑީގައި ވެސް މުޒާހަރާ ކުރިއަށްދާނެތޯ ސުވާލު ކުރުމުން އަނަސް ވިދާޅުވީ "ރޭވިފައި އޮތީ އެގޮތަށް" ކަމަށެވެ.