ގޮތްނޭނގޭ ބައްޔެއްޖެހިގެން ގއ. ގެމަނަފުށީގައި ހައްދާފައި ހުރި ކަރާ ދަނޑުތަކުން ގިނައަދަދެއްގެ ކަރާތަކެއް ހަލާކުވެއްޖެ އެވެ.

ކޮންމެ ރޯދައަކަށް ވެސް ގެމަނަފުށީގައި ކަރާ ހައްދާ ބޭފުޅެއް ކަމުގައިވާ ކުރީގެ ކައުންސިލަރު މުހައްމަދު ސޯލިހު ވިދާޅުވީ ގޮތްނޭނގޭ ބައްޔެއް ޖެހި ކަރާދަނޑުގައިވާ ހަތް ޓަނުގެ ކަރާ ހަލާކުވެފައިވާ ކަމަށެވެ.

"ފާޑެއްގެ ފަންޏެއް މިއުޅެނީ ކަރާތަކަށް އަރައިގެން. ފެހިކުލައާ ކަޅުކުލައިގެ ފަންޏެއް މިއުޅެނީ. ތިން ވައްތަރެއްގެ ބޭހެއް ޖަހައިފިން އެ ކޮންޓްރޯލް ކުރުމަށް. ފުރަތަމަ ޖެހީ ރިހާކުރު ބޭސް. އެ ޖަގައިގެން ކޮންޓްރޯލް ނުވުމުން ސީކްރޯން ކިޔާ ބޭހެއް ޖެހީ. އެބޭސް ޖަހައިގެން ކޮންޓްރޯލް ނުވެގެން ޝައިޕަ މެތްރިން ނަމަކަށް ކިޔާ ބޭހެއް ދެން ޖެހީ އެވަރުން ވެސް ކޮންޓްރޯލެއް ނުވި،" މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަރާތައް ހަވާލުކުވުމުން 40،000 އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ އަވަސް ސްޕީޑެއްގައި އެރަށު ދަނޑު ބިންތަކަށް ބަލިތައް ފެތުރެމުންދާތީ އެގްރިކަލްޗާ މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ގެމަނަފުށީގެ ކަރާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީއާ ވާހަކަދައްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގއ. ނިލަންދޫގެ ކަރާ ދަނޑުތަކަށް ގޮތްނޭނގޭ ބައްޔެއްޖެހި 800 ޓަނުގެ ކަރާ ވަނީ ހަލާކުވެފައެވެ.