12 Jun 2015, 15:15
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫ މިއަހަރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސައުދީގެ އިންވެސްޓަރުންތަކަކަށް އިހަވަންދިއްޕޮޅު ސަރަހައްދު ދައްކާލެއްވުމަށްފަހު އިއްޔެ ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އަދީބު ވިދާޅުވީ ސައުދީގެ އިތުރުން އެހެން ގައުމުތަކުން ވެސް އައިހެވަން ތަރައްގީކުރާ ސަރަހައްދު ބަލަން އަންނަން ނިންމާފައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އައިހެވަން ތަރައްގީކުރަން މި އަހަރު ބަޔަކާ ހަވާލު ކުރާނަން. އިންވެސްޓަރުން މިކަމަށް ޝައުގުވެރިވުމަކީ ވަރަށް ބޮޑު ހެޔޮ ފާލެއް. އައިހެވަން ތަރައްގީ ކުރާ ސަރަހައްދު ބަލަން އެހެން ގައުމުތަކުގެ އިންވެސްޓަރުން ވެސް އެބައާދޭ،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

ސައުދީގެ އިންވެސްޓަރުންނާއެކު ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހޯރަފުށީގައި ---- ސަން ފޮޓޯ
ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެމްބަރު ޑރ. މުހައްމަދު ޝައިނީ މިއަދު ސަން އަށް ވިދާޅުވީ މަތިންދާބޯޓެއްގައި ގޮސް މުޅި އިހަވަންދިއްޕޮޅު ސަރަހައްދު ސައުދީގެ އިންވެސްޓަރުންނަށް އިއްޔެ ހެނދުނު ދައްކާލާފައިވާ ކަމަށެވެ.
ސައުދީގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަތް އެ ވަފްދުން އެކަމާ ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ސައުދީގެ އިންވެސްޓަރުންގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓުކުރަން ޝައުގުވެރިކަންފާޅުކުރެއްވި ބޭފުޅުން ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.