އަތޮޅު ކައުންސިލް މާފުއްޓަށް ބަދަލު ކުރުމަށް މާފުށީ ކޯޓުން އަމަރު ނެރުނުނަސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަ ނާޅަނީސް މާލެ އަތޮޅު އަތޮޅު ކައުންސިލް ހިނގާނީ ލާމަރުކަޒީ ގާނޫނު ބުނާ ތަން ކަމަށްވާ ކ. ތުލުސްދޫގައި ކަމަށް ބުނެ އަތޮޅު ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

މިއަދު އަތޮޅު ކައުންސިލް މެންބަރުންގެ އަޣުލައބިއްޔަތުން ފާސްކުރި ގަރާރުގައި ބުނަނީ މާލެ އަތޮޅު ތުލުސްދޫގައި ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލުންގެ އިދާރާގެ މަސައްކަތަށް ހުރަސް ނޭޅުމަށާއި އިދާރާގެ ތަޅުދަނޑިފަތި ހަވާލު ކުރުމަށް ފުލުހުންނަށް ތުލުސްދޫ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް މާފުށީ ކޯޓުން ނެރެފައިވާ އަމުރަކީ ތުލުސްދޫ ކޯޓާ އެއްފެންވަރެއްގެ މެޖިސްޓްރޭޓް ކޯޓަކުން ނެރެފައިވާ އަމުރެއް ކަމަށެވެ.

އަދި ބުނަނީ މިކަމުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑަ އަޅަންދެން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 155 ވަނަ މާއްދާގެ (ތ) ގައި އެ އިދާރާ ހިންގަން ކަނޑައަޅާފައިވާ ތަނުގައި މިހާރުވެސް ހުރި ގޮތަށް ހިންގުމަށް ކައުންސިލގެ އަޣުލަބިއްޔަތުން ފާސް ކުރީ ކަމަށެވެ.

މީގެ އިތުރުން މާލެ އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލުގައި ހިމެނޭ ދެ މެންބަރެއްގެ މައްޗަށް ބަޔާނެއް ވެސް ނެރެފަ އެވެ. އިއްޔެ ނެރުނު އެ ބަޔާނުގައި ބުނަނީ ކައުންސިލް އިދާރާގެ ނަމުގައި ކައުންސިލް މެންބަރު އަލީ ޝާހީން ހުސައިން އާއި އާޒިމް އަބްދުއް ރަހީމް ސޮއިކުރައްވާ ވަކި ތާރީހެއް ނޭނގޭ ގޮތަށް ނެރެފައިވާ ނޫސް ބަޔާނަކީ ކަންހިނގާފައިވާ ގޮތް އޮޅުވާލާފައިވާ ނޫސް ބަޔާނެއް ކަމަށެވެ.

އެކަމާ ގުޅިގެން އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނަނީ ފެބުރުއަރީ 26 ވަނަ ދުވަހު ކައުންސިލް މެންބަރުން ހުވާ ކުރުމަށްފަހު ބޭއްވި ޖަލްސާގައި ރައީސަކާއި ނައިބު ރައީސަކު ހޮވުން އޮތް ކަމަށާއި އެކަން ނިންމުމަށް ފަހު ކުއްލި މައްސަލައެއްގެ ގޮތުގައި ރިޔާސަތުން ހުށަހެޅި ލާމަރުކަޒީ ގާނޫނީ ގާނޫނު ބުނާ ގޮތަށް އަތޮޅު ކައުންސިލްގެ އިދާރާއަކީ ތުލުސްދޫގައި ކުރިން އަތޮޅު އޮފީސް ހިންގި ތަން ކަމަށް ކަނޑައެޅުމުގެ މައްސަލަ ހުށަހަޅައި އަޣުލަބިއްޔަތުން ފާސްކޮށް ގަރާރެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"... މިނޫން ބައްދަލުވުމެއް އަދި ޖަލްސާއެއް ވެސް އެދުވަހު ބާއްވާފައެއް ނުވެއެވެ. މިދެންނެވި ޖަލްސާއިން މިގޮތަށް ފާސްވުމުން ކައުންސިލްގެ މަސައްކަތް ފެށުމަށްޓަކައި ކައުންސިލް މެންބަރުން ތުލުސްދޫއަށް ވަޑައިގަތުމަށް އަނގަ ބަހުން ތަކުރާރުކޮށް ދެންނެވިފައިވީ ނަމަވެސް ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ދެމެންބަރުން ކަމަށްވާ އަލީ ޝާހީނާއި އާޒިމް އަބްދުއްރަހީމް ވަޑައެއް ނުގަންނަވަ އެވެ. މި ކައުންސިލްގެ އެއްވެސް މަސައްކަތެއްގައި މިހާތަނަށް ބައިވެރި ނުވެ އަމިއްލަ ހައިސިއްޔަތުން މި އިދާރާގެ ނަން ބޭނުން ކޮށްގެން ނޫސް ބަޔާން ނެރުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމުގައި މި ކައުންސިލުން ދެކެމެވެ." ބަޔާނުގައި ވެއެވެ.