12 Jun 2015, 12:09
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ނޭޕާލުގެ ހަ ވިލެޖަކުން 41 މީހަކު މަރުވެއްޖެ އެވެ.
މިއަހަރުތެރޭގައި ނޭޕާލުގައި ކާރިސާއެއް ހިނގާ ގިނަ ބަޔަކު މަރުވި މިއީ ދެވަނަ ފަހަރެވެ. މިއަހަރުގެ އޭޕްރީލް މަހުވެސް ވަނީ ނޭޕާލަށް ބާރުގަދަ ބިންހެލުމެއް އައިސް 9000 ހަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 41 މީހަކު މަރުވެފައި ވާއިރު އިތުރު އަށް މީހަކަށް ވަނީ ބޮޑެތި އަނިޔާތަށް ވެފައެވެ. އެ ހާދިސާގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނޭޕާލުގެ ފުލުހުންނާއި ހަވާލާދީ ޓައިމްސް އޮސް އިންޑީއާ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ނޭޕާލުގެ ފުލުހުންނާއި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުންނާއި ފެންބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރޮމަތިލާން ޖެހޭކަމަށް ނޭޕާލުގެ ފުލުހުން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވެ މާގިނައިން ވާރޭ ވެހޭނަމަ ބިންގަނޑު ކަނޑައިގެން ދިއުމަކީ ނޭޕާލުގައި އާންމު ކަމެކެވެ.