12 Jun 2015, 11:10
އައްޑޫ ސިޓީ ކައުންސިލާއި އިސްލާމިކް ފައުންޑޭޝަން ގުޅިގެން އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ނިސާރު ޔޫސިފް ނަދިއަދްވާލާގެ ދަރުސްއެއް އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
"އިސްލާމް ދީނުގައި ރިޒުގުގެ މަހުފޫމް" މި މައުޟޫއަށް ދެއްވާ އެ ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:45 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދަރުސް އަޑުއެހުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ބަސްދަތުރުތައް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫން ދަރުސް އަޑުއަހަން ދާން ބޭނުންވާ މީހުން ހޮނިހިރު ދުވަހުގެ ރޭ 8:00 ގައި އެ އަވަށެއްގެ ބޮޑު މަގަށް ނުކުތުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ނިސާރު ނާޑިއަޑްވާލާ އަކީ ޕީސް ޓީވީ އާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާއިކް ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރިސާޗް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ.