ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދޭ ފަރާތްތަކުން، ގޮޅިތަކަށް އެދުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ އޮފީސް ބަންދުކުރާ ވަގުތާހަމަޔަށް ކަމަށެވެ.

"ވީމާ، ދަތުރުވެރިންގެ މާރުކޭޓުން ދޫކުރަށް ހަމަޖެހިފައިވާ ގޮޅިތަކަށް އެދޭ ފަރާތްތަކުން، ގޮޅިތަކަށް އެދި، 'ދަތުރުވެރިންގެ މާރުކޭޓް ގޮޅިއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، 14 ޖޫން 2015 އިން ފެށިގެން 16 ޖޫން 2015 ގެ އޮފީސް ބަންދުކުރުމާ ހަމަޔަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗަރ އަށް ހުށަހެޅުމަށް އާންމުކޮށް އިއުލާންކުރަމެވެ،" މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ދަތުރުވެރިންގެ މާރުކޭޓް ގޮޅިއަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބް ސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތައް ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެތަން ބަންދުކުރުމަށްފަހު، މަރާމާތުކޮށް ހުޅުވެންދެން ބޭނުންކުރާނެ ވަގުތީ މާރުކޭޓެއް ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގައި ވަނީ ގާއިމްކޮށްފައެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމުގެ މަސައްކަތް ސިފައިން ފަށާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.