މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނިޓްގެ ވެސް ފަހުން ކާމިޔާބުކުރި ލަނޑާއެކު ހަނިގޮތަކަށް ރާއްޖެ އަތުން 1-0 ގެ ނަތީޖާއަކުން ގަތަރު މޮޅުވިއިރު، މި މެޗުގެ ރެފްރީގެ ވިސްނުން ހުރީ ގަތަރު މޮޅުވަންދެން ކުޅުން ކުރިއަށް ގެންދިއުމަށް ކަމަށް ރާއްޖޭގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނެފިއެވެ.

ދިވެހި އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު މެޗުގައި ދިވެހި ކުޅުންތެރީން ވަނީ، ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ވުރެ 81 ދަރަޖަ ކުރީގައި އޮތް ގަތަރު ލަނޑެއް ޖެހިޔަ ނުދީ ބަރާބަރު 100 މިނިޓް ވަންދެން ކުޅެފައެވެ. ދުނިޔޭގެ ރޭންކިންގެ 97 ވަނައިގައި އަދި އޭއެފްސީގެ ރޭންކިންގެ 10 ވަނައިގައި ގަތަރު އޮތްއިރު، ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 178 ވަނައިގައި އަދި އޭއެފްސީ ރޭންކިންގެ 30 ވަނައިގައެވެ.

މިރޭގެ މެޗަށް ފަހު، މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ގައުމީ ޓީމުގެ ކޯޗު ޕޮޕޯފް ބުނީ، މިރޭގެ މެޗުގެ ރެފްރީގެ ފަރާތުން ފެނިގެން ދިޔައީ ލަދުވެތިވާންޖެހޭ ފަދަ ކަންތައްތަކެއް ކަމަށެވެ.

" ގަތަރަކީ ވަރަށް ވަރުގަދަ ޓީމެއް. ހަމަ އެއާއެކު ބުނެލަން ބޭނުމީ އެމީހުން މިތަނަށް އައިސް ކުޅުމުގެ ބޭނުމެއް ނެތް. މެޗުގައި ކަން ހިނގައިދިޔައީ ލަދުވެތި ގޮތަކަށް،" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެ ޕޮޕޯފް ބުންޏެވެ.

ކޯޗު ބުނީ، މިރޭގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިން އަދި ހާއްސަކޮށް ޓީމެއްގެ ގޮތުގައި ދެއްކި ކުޅުމާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރާއި ސާބަހަށްޓަކައި ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި މެޗާބެހޭގޮތުން ދައްކާނެ މާކަ ގިނަ ވާހަކައެއް ނެތް. މެޗުގެ ހުރިހާ ކަމެއްވެސް ދިޔައީ އެންމެންގެ ކުރިމަތީ ވަރަށް ސާފުކޮށް،" ދިވެހީން ހިތްހަމަ ޖެހޭފަދަ ނަތީޖާއެއް ނެރެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނޭކަން ފާހަގަކުރަމުން ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ބުނީ، މެޗުގެ ކުރިންވެސް ބުނި ފަދައިން ގަތަރަށް ވަރަށް ބޮޑަށް އިހްތިރާމް ކުރާކަމަށާއި އެހެން ނަމަވެސް އެޓީމު ދެކެ އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާ ކަމަށެވެ.

"އަހަރެން ބުނިން އޭރުވެސް ޖެހިލުންވަނީ ރެފްރީ ދެކެއޭ. އަހަރެން ބުނީ ހަމަ ރަނގަޅަށް. ސަބަބަކީ އަހަރެން މޮޔައެއް ނޫން ގަތަރާ ދެކޮޅަށް ކުޅުމަކީ ކޮބައިކަން ނޭނގޭވަރަށް،" ރެފްރީގެ ނިންމުންތަކާއި އަދި ހާއްސަކޮށް އިތުރުވަގުތުގައި މާ ގިނަވަގުތު ކުޅުވާފައި ވާތީ އެކަމާ މެދު ހިތްހަމަނުޖެހޭކަން ފާޅުކުރަމުން ކޯޗް ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން އިތުރު ވަގުތުގެ ގޮތުގައި އެހާ ގިނަވަގުތު ދޭންޖެހޭ ކަމަކަށް. އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓް ދިން. އަދި 10 މިނިޓް ވަންދެން ކުޅުވި."

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގަތަރުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ފަސްވަރަކަށް ހަމަލާ އުފެއްދިފައިވާ އިރު، ރާއްޖޭގެ ޓީމުން ވަނީ އެ ހަމަލާތައް ވަރަށް ފުރިހަމައަށް މަތަކޮށްފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ގަތަރުން ކާމިޔާބުކުރީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނިޓްގެ ކުޅުން ހަމަވެ، އިތުރަށް ކުޅުވި 2 މިނިޓް 13 ސިކުންތުގެ ތެރޭގައި އެޓީމުގެ ޖޯޒީ ނަންބަރު 23 މުހައްމަދު މުހައްމަދު އަލް ސައީދު އެވެ.

ޕޮޕޯފް ބުނީ، މިރޭގެ މެޗު ކިތަންމެ ދިގުދެމިގެން ދިޔަ ނަމަވެސް މެޗުގައި ގަތަރު މޮޅުވަންދެން ކުޅުވަން ރެފްރީ ތައްޔާރަށް ހުރިކަން ފެނިގެން ދިޔަ ކަމަށެވެ.

"އެނގޭ ކަމަކީ މިމެޗު ގަތަރަށް ލަނޑެއް ޖެހެންދެން ކުރިއަށް ގެންދިޔަކަން. އަދި ގަތަރަށް ލަނޑެއް ނުޖެހުނު ނަމަ 2 ގަޑިއިރު ކުޅުވަންވެސް ރެފްރީ ބާރުއެޅިސް،" ގައުމީ ޓީމުގެ ކޯޗް ބުންޏެވެ.

މެޗުގައި ފާހަގަ ކުރެވިގެން ދިޔައީ ހަމައެކަނި އިތުރު ވަގުތުގެ ވާހަކައެއް ނޫން ކަމަށާއި މިކަހަލަ ކިތަންމެ ކަމެއް މެޗުގައި ފެނިގެން ދިޔަކަން ފާހަގަކޮށް ރާއްޖޭ ޓީމުގެ ކޯޗު ބުނީ، " ރެފްރީންގެ ކަންކަމާގުޅޭ ގޮތުން ކޮމެންޓް ކުރުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ނޫން" ކަމަށެވެ.

އަދި މި މެޗުގައި ކަންހިނގައިދިޔަގޮތް އޭއެފްސީގެ ރެފްރީންގެ ކަންކަމާ ޒިންމާވާ ކޮމިޝަނުން ވަރަށް ފަރުވާތެރިކަމާއެކު ބަލާނޭ ކަމަށް އުންމީދުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި މިއަންނަ އަންގާރަ ދުވަހު ނުކުންނާނީ، މިއަދު ބޫޓާން އަތުން 7-0 ލަނޑުގެ ތަފާތަކުން މޮޅުވި ހޮންކޮންގާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ ހޮންކޮންގުގައެވެ.