ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ މަޖިލީހަށް ހުށަހެޅި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

އެ ބިލު ކޮމިޓީން ނިންމެވި ފަހުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހާއެކު މަޖިލީހުން ވަނީ ބިލް ފާސްކޮށްފަ އެވެ.

ޖަމީލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި އެންމެހާ ފަރާތްތައް ވެސް ހިމަނަންވާނެ ކަމަށެވެ.

ހަމައެއާއެކު އެ އިސްލާހުގައި ބުނެފައި ވަނީ ޕަބްލިކު ސެކްޓާގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމުންނަށް 3000 ރުފިޔާ ރޯދަ އިނާޔަތެއްގެ ގޮތުގައި ދޭންޖެހޭނެ ކަމަށެވެ.

ރޯދަ އިނާޔަތް އެންމެނަށް ހަމަހަމަ ކަމާއެކު ދިނުމަށް މަޖިލީހުގެ އިއްތިފާގުން ފާސްކުރީ އިއްޔެގެ ޖަލްސާގައި އެވެ.

ނަމަވެސް ޕްރައިވެޓު ސެކްޓަރުގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރާނީ ޕްރައިވެޓު ސެކްޓަރުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށް ޖަމީލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

އަމިއްލަ ކުންފުނިތަކުން އެ ބިލަށް އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާ އެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މި އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖިހާދު ވިދާޅުވީ، ހަމަހަމަ ކަމާ އެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.