02 Mar 2011, 11:15
ކ. އަތޮޅު ކައުންސިލްގެ މަސައްކަތް ފުލުހުން ހުއްޓުވި މައްސަލައިގައި ކ. ތުލުސްދޫ ކޯޓުން ނެރެފައިވާ ކޯޓު އަމުރާއި ށ. އަތޮޅު ކައުންސިލްގެ މަސައްކަތް ހުއްޓުވަން ފުލުހުން އުޅޭ މައްސަލައިގައި ށ. ފުނަދޫ ކޯޓުން ނެރުނު އަމުރުތަކަކީ ގާނޫނު އަސާސީއާ ހިލާފް އަމުރުތަކެއް ކަމަށް ކަނޑައަޅައި އެ އަމުރުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
ފުނަދޫ ކޯޓާއި ތުލުސްދޫ ކޯޓުން ފުލުހުންނާ ދެކޮޅަށް ނެރުނު އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު އަހުމަދު އުޝާމް ވިދާޅުވީ އެ ދެ އަމުރު ވެސް ނެރެފައި ވަނީ ފުލުހުންނާ ދެކޮޅަށް ކަމަށްވާއިރު އަމުރު ނެރުނުއިރު ފުލުހުންގެ ބަހެއް ހޯދާފައިނުވާ ކަމަށެވެ. އަދި އިންސާފަށް ޝަރީއަތް ކުރުވުމުގެ ހައްގު ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާއިރު ފުލުހުންގެ ބަހެއް ނުހޯދައި އެ ކޯޓުތަކުން އަމުރު ނެރެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އެ ދެ މައްސަލައިގައި ފުލުހުންގެ ބަހެއް ކޯޓުން ނުހޯދުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެއް ކަމަށް ބަޔާންކޮށްފައިވާ އޮތް އޮތުމާ ގާނޫނު އަސާސީއާ އެއްގޮތަށް ފަނޑިޔާރުން އަމަލު ކުރަންވާނެ ކަމަށް 142 ވަނަ މާއްދާގައި ބުނެފައި އޮތް އޮތުމާ ހިލާފް ކަމެއް ކަމަށެވެ. އެހެންކަމުން އެ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ކ. އަތޮޅު ކައުންސިލުން ކޯޓަށް ހުށަހަޅާފައި ވަނީ އެ އިދާރާގެ ތަޅުދަނޑި ފުލުހުން ހިފަހައްޓާފައިވާ މައްސަލަ ކަމަށާއި ށ. އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައިގައި ބުނަނީ ށ. އަތޮޅު ކައުންސިލް ހިނގަމުންދާ އިމާރާތަކީ އެ ކައުންސިލް ހިންގުމަށް ގާނޫނުން ކަނޑައަޅާފައިވާ އިމާރާތް ކަމަށް ކަނޑައެޅުމަށް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާ އާއި 128 ވަނަ މާއްދާ އާއި 155 ވަނަ މާއްދާގެ ތ. މާނަ ކުރަންޖެހޭ މައްސަލައެއް ކަމަށްވާއިރު އެ ކޯޓުތަކުން އަމުރު ނެރެފައިވާ ގޮތުން ހުށަހަޅާފައިވާ ދައުވާއަށް ގޮތެއް ކަނޑައެޅިފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ ކޯޓުން ވަގުތީ އަމުރު ނެރުމުގައި ގެންގުޅޭ އުސޫލާ ހިލާފް ކަމެއް ކަމަށާއި އަމުރުތައް ނުނެރުން ނަމަވެސް ކައުންސިލްތަކުގެ ހިންގުން ހުއްޓުމަކަށް ނާންނާނެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ދެ ކައުންސިލް ތަމްސީލު ކުރެއްވުމަށް ހައި ކޯޓަށް ވަޑައިގެންނެވި ހުސެއިން ފިރާގް ވިދާޅުވީ ފުނަދޫ ކޯޓާއި ތުލުސްދޫ ކޯޓުން ނެރެފައިވާ އަމުރުތަކަކީ އިންސާފުވެރި އަމުރުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރުން އިންސާފުވެރިކޮށް ހުކުމްކޮށްދެއްވުމަށެވެ.
މި މައްސަލައިގެ ތެރެއަށް އިދިކޮޅު ޑީއާރްޕީގެ ފަރާތުން ވަނުމަށްފަހު އެ ޕާޓީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ފުނަދޫ ކޯޓާއި ތުލުސްދޫ ކޯޓުގެ ނިންމުމަކީ ހުކުމެއް ނޫން ކަމަށާއި އެއީ އެ ދެ ކޯޓުގެ ވިރާސީ ބާރުގެ ތެރެއިން ނެރެފައިވާ ސައްހަ އަމުރެއް ކަމަށެވެ. ފުލުހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދޭ ކަމަށް ދައުލަތުން ބުނެފައިވާތީ ޝާހު ވިދާޅުވީ އެއީ މައްސަލައެއް ނޫން ކަމަށާއި މިފަދަ މުހިންމު، އެތައް ބައެއްގެ ހައްގުތަކަ ގުޅިފައިވާ މައްސަލަތަކުގައި އެގޮތަށް އަމަލު ކުރެވިދާނެ ކަމަށެވެ. އައްޑޫގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން ހާޒިރުނުކޮށް އެ ކޮމިޝަނުގެ ބަހެއް ވެސް ނުހޯދާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ކ. އަތޮޅާއި ށ. އަތޮޅު ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ގާނޫނު މާނަ ކުރަންޖެހޭ ހާލަތެއް ނާންނަ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ މާނަ ކުރަންޖެހޭ ކަމަށް ދައުލަތުން ބުނެފައިވާ މާއްދާތަކުގައި ވަރަށް ސާފު ގާނޫނީ ނައްސުން ކަންތައް ވާންވީ ގޮތް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތަކުގައި މިހާރު ވެސް ފުނަދޫ އާއި ތުލުސްދޫގެ ހާލަތު ވަރަށް ގޯސްވެފައިވާތީ އަވަސް މައްސަލައެއްގެ ގޮތުގައި މި ދެ މައްސަލަ ހައި ކޯޓުން ނިންމަވައިދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ޝަރީފް އަހުމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.