މާލެ-ހުޅުލެ ބްރިޖު އެޅުމަށް ޗައިނާއިން ދޭން ނިންމާފައިވާ ހިލޭ އެހީގެ އެއްބަސްވުމުގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ނާއިބު ރައީސް ލީ ޔުއާންޗާއޯއާއެކު ބޭއްވި މަޝްވަރާތަކަށްފަހުގައި ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ "އެގްރިމެންޓް އޮން ދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޮއޮޕަރޭޝަން އޮފް ގްރާންޓް" ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލުތަކެއް ރައީސް އޮފީހުން އަދި އާންމެއް ނުކުރެ އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނަމިކް މިނިސްޓަރު މުޙަންމަދު ސަޢީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް މިނިސްޓަރ އޮފް ކޮމާސް، ވޭންގް ޝޫވެން އެވެ.

ދެ ގައުމުގެ ދެމެދުގައި ހިލޭ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އިބްރާހިމް މުއާޒު އަލީ

ކުންމިންގައި މިއަދު ބޭއްވި މަޝްވަރާތަކުގައި ރާއްޖެ އާއި ޗައިނާއާ ދެޤައުމުގެ ދެމެދު ޤާއިމްވެފައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސް ޔާމީނާއި ޗައިނާގެ ނައިބު ރައީސް ވަނީ ހިޔާލު ބަދަލު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ޤައުމުން އިސްކަންދޭ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައި ހިލޭ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބްރިޖް ސާވޭއަށް ހިނގާ ހުރިހާ ހަރަދުތަކެއް ޗައިނާ ސަރުކާރުން ހިލޭކޮށްދޭނެ އެވެ.