ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޗައިނާ އިން ދެކުނު އޭޝިޔާ އާއި އަދި އިރުމަތީ އޭޝިޔާގައި ކުރާ ވިޔަފާރީގެ ވޮލިއަމް 150 ބިލިއަން ޑޮލަރަށް އިތުރު ކުރާނެ ކަމަށާއި އަދި 30 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

މާދަމާ ކުންމިންގްގައި ފަށާ ތިން ވަނަ ސައުތު އޭޝިޔާ އިމްޕޯޓް އެކްސްޕޯޓް އެކްސްޕޯ އާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކުންމިންގްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޔުނާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ގޯ ޝުޒުއާން ވިދާޅުވީ އެ މުއްދަތުގައި ދެކުނު އޭޝިޔާގެ ގައުމުތަކަށް ޕްރޮފެރެންޝަލް ލޯންގެ ގޮތުގައި 20 ބިލިއަން ޑޮލަރު ޗައިނާ އިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ލޯންތަކާއި ޗައިނާގެ ހިލޭ އެހީތަކުގެ ސަބަބުން އާޝިޔާން ގައުމުތަކުގެ ތަރައްގީގެ ދުވެލި ހަލުވިވާނެ ކަމަށް ގޯ ވިދާޅުވި އެވެ. އަދި އެކަންކަމުގެ ސަބަބުން ޗައިނާ އާއި ދެކުނު އޭޝިޔާގެ ގައުމުތަކާއި އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ގުޅުން ރަނގަޅުވެ ދެ ފަރާތަށް އެކަމުގެ މަންފާ ކުރާނެ ކަމަށް ގޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ޕޮލިޓިކަލް އަދި އެކޮނަމިކަލް ޕެޓާން އަންނަނީ ވަރަށް ހަލުވިކޮށް ބަދަލުވަމުން ކަމަށާއި ދެކުނު އޭޝިޔާގެ ގައުމުތަކާއި އިރުމަތީ އޭޝިޔާގެ ގައުމުތަކާ ޗައިނާ އިން ބަދަހި ގުޅުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މާދަމާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ލާއޯސްގެ ޕްރައި މިނިސްޓަރު ތޯންގްސިންގް ތަމަންވޯންްގް އާއި ބަނގްލާދޭޝްގެ ޕާލަމެންޓްގެ ސްޕީކަރު ޝިރިން ޝަރްމިން ޗައުދަރީ އާއި ވިއެޓްނާމްގެ ވައިސް ޕްރައި މިނިސްޓަރު ހޯންގް ޓަރްންގް ހައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ގޯ ވިދާޅުވި އެވެ. އަދި ބޭރު ގައުމުތަކުގެ 440 ޑެލިގޭޓުންން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މިނިސްޓީރިއަލް ލެވެލްގެ 36 ބޭފުޅުން ހިމެނޭ ކަމަށް ގޯ ވިދާޅުވި އެވެ.