ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެކޮޅަށް މިރޭ ނުކުންނަ ރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު ލަތީފަށް ރައީސް ޔާމީން ގުޅުއްވައި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ގަތަރާ ދެކޮޅަށް ގައުމީ ޓީމު މިރޭ 9:00 ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ރައީސް ހިތްވަރު ދެއްވާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީން ވަނީ ޓީމާ ބައްދަލު ކުރައްވައި، ޓީމުގެ ފަރިތަކުރުންތައް ބައްލަވާލައްވާފަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޭޝިއާ ސަރަހައްދުގެ ދެ ވަނަ ބުރުގެ ގްރޫޕް ސީގައި ގަތަރުގެ އިތުރުން ރާއްޖެއާ ދެކޮޅަށް ކުޅޭ އެހެން ޓީމުތަކަކީ ޗައިނާ އާއި ހޮންގްކޮންގް އާއި ބޫޓާނެވެ. އެގޮތުން ދެ ވަނަ މެޗު އަންނަ ހަފްތާ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލު ކުރާނީ ހޮންގްކޮންގްއާ އެވެ.