11 Jun 2015, 17:10
ދެ ގައުމެއްގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅެއްގެ ނަންފުޅު ދިރާސާ ކުރައްވައި އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އިއްތިފާގުން ރުހުން ދިނުމަށް ނިންމެވި ދެ ބޭފުޅުންނަކީ ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، ގ.އުފާ އަލްފާޟިލް އަޙްމަދު މުޙައްމަދު (އަންޑޭ)ގެ ނަންފުޅާއި ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މ.މާހުރަ އަލްފާޟިލް އަހްމަދު ސަލީމުގެ ނަންފުޅެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން އެ ދެބޭފުޅުންގެ ނަންފުޅު ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ބޭފުޅުންނަކީ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ދެ ބޭފުޅުން ކަމަށެވެ.
އެ ދެބޭފުޅުންގެ ތެރެއިން ކީ ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، އައްޔަނު ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ އަހުމަދު މުހައްމަދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި ފަރާތެވެ. އަދި ރައީސް ވަހީދު ސަރުކާރުގެ އިކޮނޮމިކު މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު މުހައްމަދު ވަނީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ވެސް ކުރައްވާފަ އެވެ.