11 Jun 2015, 16:44
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ގަތަރާއި ދެކޮޅަށް ނިކުންނަ ދިވެހި ގައުމީ ޓީމް ކުޅުންތެރިން، ގައުމީ ހިދުމަތަށް ނިކުންނައިރު ވީހާވެސް ގިނަ ދިވެހިން ދަނޑަށް ވަދެ ގައުމީ ޓީމަށް ސަޕޯޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ޢަލީ ވިދާޅުވީ މީގެ ދެ ރެޔެއް ވަރު ކުރިން ރައީސް ގައުމީ ފުޓްބޯޅަ ދަނޑުގައި ހިނގަމުން ދިޔަ ޕްރެކްޓިސް ޝެޝަނަކަށް ވަޑައިގެން ޓީމާ ބައްދަލުކުރައްވާ މިމެޗްގެ މުހިންމުކަމާއި މިމެޗަކީ ކޮންމެ ކުޅުންތެރިޔަކަށްވެސް ދިވެހިރާއްޖެއަށް ކޮށްދެވޭ ވަރަށް ބޮޑު ހިދުމަތެއްކަން ކުޅުންތެރިންނަށް ފާހަގަކޮށްދެވި ކަމަށެވެ.
މިފަހަރު ކޮލިފައިންގައި ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗް އަމިއްލަ ގައުމުގައި ކުޅެން ޖެހުމާއެކު ފެށުން ރަނގަޅުކޮށް ގައުމަށް ރަނގަޅު ކަމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމަށް ކުޅުންތެރިންގެ ކިބައިން ރައީސް އެދި ވަޑައިގެންނެވިކަމަށް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މިރޭގެ މެޗްގައި ގައުމީ ޓީމްގެ ކުޅުންތެރިންގެ ހުނަރުވެރި ކުޅުން މުޅި ދުނިޔެއަށް ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ޕްރެކްޓިސް ޝެޝަނެއްގެ ތެރެއިން ދަނޑަށް ވަދައިގެން ޓީމްގެ ކުޅުންތެރިންނާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވާފައެވެ.