އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ކުރާ މުޒާހަރާއާ ގުޅިގެން މުޒާހަރާ ކުރާ މީހުންނާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން 10 ކަމަކަށް ސަމާލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި އެކަންތައްތައް ބަޔާން ކުރުމަށް ފަހު ބުނެފައި ވަނީ އެކޮމިޝަނުން މާދަމާގެ މުޒާހަރާ މޮނިޓާ ކުރަމުން ދާނެ ކަމަށެވެ. އަދި އެކަމުގައި ކަމާ ބެހޭ ފަރާތްތަކުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.


އެޗްއާރްސީއެމް އިން ސަމާލުވުމަށް ގޮވާލި ކަންތައްތަކަކީ:

- ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން އަމަލުތައް ބެހެއްޓުން.
- ގާނޫނު އަސާސީއާއި ގާނޫނުން ލިބިދީފައިވާ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހެޔޮގޮތުގައި ބޭނުންކުރުމަށް ބުރޫ ނާރާ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުތައް ބެހެއްޓުން.
- ޚިޔާލުފާޅުކުރުމުގައި އެހެންމީހުންގެ ހައްގުތަކަށް އިހުތިރާމްކޮށް ލާއިންސާނީ ބަސްމަގު ބޭނުން ނުކުރުމާއި މީހުންގެ އަބުރާ އިއްޒަތް ނުގެއްލޭ ގޮތަށް ވާހަކަތަކާއި އަމަލުތައް ބެހެއްޓުން.
- ގައުމީ މަސްލަހަތަށް އިސްކަންދިނުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުން.
- ޚަބަރުފަތުރާ ވަސީލަތްތަކުން މުޒާހަރާގެ ޚަބަރުތައް ގެނެސްދޭއިރު ޒިންމާދާރުކަމާ އެކު ޚަބަރުތައް ގެނެސްދިނުމާއި ސައްހަ މައުލޫމާތު އާއްމުކުރުން.
- ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ކުޑަކުދިންނަށް އެއްވެސް ނުރައްކަލެއް ނުވަތަ ނޭދެވޭ އަސަރެއް ކުރާނެ ފަދަ ގޮތަކަށް މުޒާހަރާގައި ކުޑަކުދިން ޝާމިލުނުކުރުން.
- އަސާސީ ހައްގުތަކަށް ބޭނުންވާ އާއްމު ޚިދުމަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ނުބެހެއްޓުން.
- އަމަން ބަލަހައްޓާ ފަރާތްތަކުން މުޒާހަރާކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން.
- މުޒާހަރާގެ ތެރޭގައާއި މުޒާހަރާތެރެއަށް ވަދެގެން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު އަމަން ބަލަހައްޓާފަރާތްތަކުން ވަގުތުން ފިޔަވަޅު އެޅުން.
- އެއްވުންތައް ރޫޅާލަން ޖެހިއްޖެ ހާލަތެއްގައި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަން ބަލަހައްޓާ ފަރާތްތަކުން އަމަލުކުރުމާއި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެހާލަތަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރު އިޚުތިޔާރުކުރުން.

އެޗްއާރްސީއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ. އެމުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކާއި އާއްމުންގެ ބައެއް މީހުންނަށް އަނިޔާވިއެވެ.