ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 101 ބޭފުޅަކަށް ދެއްވައިފި އެވެ.

އެ 101 ބޭފުޅުން ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު 10:00 ގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޖަލްސާކުރާ މާލަމުގައެވެ.

އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލްގެ ކުރިފުޅުމަތީގައި އެ ބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަލީއެވެ.

ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 101 ބޭފުޅަކަށް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެޓާނީޖެނެރަލްގެ އޮފީހުން ބުނީ އެބޭފުޅުންނަށް ހުއްދަ ދޫކުރުމާއެކު މިހާތަނަށް ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރި ބޭފުޅުންގެ އަދަދު 916 އަށް އަރާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް ވެސް ބައިވެރިވެވެވަޑައިގަތެވެ.