11 Jun 2015, 17:29
މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިންގައި ބާއްވާ ތިން ވަނަ ސައުތު އޭޝިއާ އެކްސްޕޮޒިޝަން، އަދި 23 ވަނަ ކުންމިންގް ފެއާގައި ބައިވެރިވުމަށް ވަޑައިގަތް ދިވެހި ވިޔަފާރިތަކަށާއި ޗައިނާގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި ހުރި އިންވެސްޓް ފުރުސަތުތަކާ ބެހޭ ބައްދަލުވުމެއް ބާއްވައިފި އެވެ.
"އިންވެސްޓް މޯލްޑިވްސް ސިމްޕޯސިއަމް" ނަމުގައި ބާއްވާ އެ ބައްދަލުވުން ކުރިއަށް ދަނީ ކުންމިންގް ގެ ގްރޭންޑް ޕާކް ހޮޓެލްގަ އެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ޔުނާން ޕްރޮވިންސްގެ ވިޔަފާރިތަކުން 80 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ކޮމާސް އޮފް ޔުނާން ޕްރޮވިންސް އެކަޑަމީ އިން އިންތުޒާމު ކޮށްގެން ބޭއްވި ސިމްޕޯސިއަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ފައިސަލް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޗައިނާގެ ފަރާތުން އެކަޑަމީ އޮފް ކޮމާސް އޮފް ޔުނާން ޕްރޮވިންސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޒޫ ފެއިންޒީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ އެ ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ހުރި ވިޔަފާރި ފުރުސަތުތަކާއި އިންވެސްޓް ކުރެވޭނެ ދާއިރާތައް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވިޔަފާރިތަކަށް ތައާރަފުކޮށް ދީ، ރާއްޖެއިން ކުންމިންގް އަށް ދަތުރު ކުރި ވިޔަފާރިތަކަށް ނެޓްވޯކް ކުރުމުގެ ފުރުސަތުތައް ފަހިކޮށް ދީފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ގެ ވާހަކަފުޅުގައި ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގައި މިހާރު ވެސް ދެ ގައުމަކުން ވަރަށް އެކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ދިވެހި ސަރުކާރާއި، ކޯޕަރޭޓް ލެވެލްގައި ވެސް ޗައިނާ އާއި އިތުރަށް ގުޅުން ބަދަހިވަމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ ސިމްޕޯސިއަމްގައި އިންވެސްޓް މޯލްޑިވްސް ޕްރޮމޯޓް ކުރުމަށްޓަކައި، ޗައިނާގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޓޫލް، ވެއިބޯ ގެ އެކައުންޓެއް ވަނީ އިފްތިތާހުކޮށްފަ އެވެ.