ހުސްވި މޭ މަހުގެ ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި މިންވަރު 10 ޕަސެންޓް ދަށަށް އަދި ރާއްޖެއިން މުދާ އިމްޕޯޓް ކުރި މިންވަރު 12 ޕަސެންޓް ދަށަށް ގޮސްފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭ މަހުގައި ރާއްޖެއަށް 2.36 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރު އެމުއްދަތުގެ ތެރޭގައި އެތެރެކޮށްފައިވަނީ 2.63 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު ދަށްވެފައިވަނީ މިދިޔަ އަހަރު އެ ދުވަސްވަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިއަހަރު ވަރަށް ބޮޑަށް ދަށަށްވުމުގެ ސަބަބުން މިއަހަރުގެ މެއި މަހު ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރި މިންވަރު ދަށްވެވެފައިވާތީ އެވެ.

ތެލުގެ ބާވަތްތައް ފިޔަވައި ރާއްޖެއަށް އާންމުކޮށް އިމްޕޯޓު ކުރެވޭ މައިގަނޑު ބާވަތްތައް އިމްޕޯޓްކުރި މިންވަރު އެމުއްދަތުގައި އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރަށް ބަލާއިރު މިއަހަރުގެ މޭ މަހު 213.3 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެކްސްޕޯޓްކޮށްފައިވަނީ 241.3 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްއިން ބުނީ މެއި މަހު އެކްސްޕޯޓް ދަށަށްގޮސްފައިވަނީ ގަނޑުކުރި ކަޅުބިލަމަސް ބޭރުކުރި މިންވަރު ފާއިތުވި މެއިި މަހު ގާތްގަނޑަކަށް 50 ޕަސެންޓް ދަށްވެފައިވާތީ ކަމަށެވެ.

މިދިޔަ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ތިން ޕަސެންޓް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މޭ މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 147 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މެއި މަހު އެއަދަދު ވަނީ 152 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.