އެއްގަމު އުޅަނދު ފަހަރުގައި ޓްރެފިކު ސްޓިކާ ޖެހުން ހުއްޓާލައި، ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށް ދޭ ބިލު އަންނަ ހަފްތާ މަޖިލީހަށް ވެއްދުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ހަރަދު ކުޑަކުރުމަށް ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އެއްގަމު އުޅަނދުފަހަރު މަގުމަތިން ނެގުމުގެ ގާނޫނީ ބާރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމާއި އެއްގަމު އުޅަނދު ދުއްވުމާއި ޕާކު ކުރުމާ ދެކޮޅަށް އެކަށީގެންވާ ޒަމާނީ ފިޔަވަޅު މި ބިލުގެ ސަބަބުން އެޅިގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ބިލުގައިވާ ގޮތުން ސްޓިކާ ނުޖަހާ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކުން ދައްކާފައި ނުވާ ފައިސާ އައު ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މައާފުވާނެ އެވެ.

ޓްރެފިކް ސްޓިކާ ޖެހުން ހުއްޓާލައި ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މައާފު ކޮށްދޭ ބިލު މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވެސް ވަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުވައިފަ އެވެ.

މޫސަ ހުށަހެޅުއްވި އިސްލާހުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑު ކުރަން ހުށަހަޅުއްވާފައި ވެއެވެ.

މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވައިގެން، ފުރަތަމަ ފަހަރަށް ހިފަހައްޓައިފި ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހެ އެވެ. ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެ ޖޫރިމަނާގެ އަދަދު އަރަނީ 500 ރުފިޔާ އަށެވެ. ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވައިގެން ދެ ވަނަ ފަހަރަށް ފުލުހުން ހިފަހައްޓައިފި ނަމަ އެ މީހަކު 1،500 ރުފިޔާއިން ޖޫރިމަނާ ކުރަންޖެހޭނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ދެ ވަނަ ފަހަރު ޖޫރިމަނާ ކުރަންޖެހެނީ 750 ރުފިޔާއިންނެވެ. ބިލުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ތިން ވަނަ ފަހަރު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހެ އެވެ. އަދި ދެ ވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު އެފަދަ ފަރާތެއްގެ ލައިސަންސް ތިން މަސް ދުވަހަށް ހިފަހައްޓަން ބިލުގައި ލާޒިމްކޮށްފައި ވެއެވެ.