11 Jun 2015, 17:08
ތިން ރަށެއްގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައިބަޔަކާ ހަވާލުކޮށްފައި ވަނީ އދ. މާމިގިލި، އދ. މަހިބަދޫ އަދި ލ.ފޮނަދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށެވެ.
އދ. މާމިގިލީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
އެ މަސައްކަތް ހަވާލުކުރި މެރިން ހޮލިޑޭސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ރަހްމާން މުޖުތަބާއެވެ.
އދ. މަހިބަދޫގައި ވޭސްޓް އިންސިނެރޭޓަރެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރިނެވަބަލް އެނާޖީ މޯލްޑިވްސް އާއި އެވެ.
އެ އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ރިނެވަބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން އިބްރާހީމް ނާޝިދެވެ.
ލ. ފޮނަދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައި ވަނީ ގޮތިކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ އާދަމެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގެވެ.
މި މަސައްކަތްތަކުގެ ޖުމްލަ އަގު 1.9 މިލިއަން ރުިފޔާ އަށް އަރާ ކަަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
މިވަގުތު ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ހަ ރަށެއްގައި 2.8 މިލިއަން ރުފިޔާގެ މަސައްކަތްތައް ކުރެވެމުންދާ ކަަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.