ރޯދަމަސް ނިމުމާއެކު، ބޯންމެރޯ ހެއްދުމަށް 16 ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލޭއަޅާބަލީގެ ސަބަބުން އެކުދިންނާއި އެކުދިންގެ އާއިލާތައް ތަހައްމަލުކުރަންޖެހޭ ވޭންތަކާއި އުނދަގޫތަކަށް ހައްލެއް ހޯދުމަކީ މި ސަރުކާރުން އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.

އެގޮތުން އެފަދަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އެކަމުގައި ދެވެންއޮތް ހުރިހާ ފުރުސަތެއް ދިނުމަށްޓަކައި ސަރުކާރުން ޒަކާތު ފަންޑުގެ އެހީގައި އެފަދަ ކުދިން އެކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވުމަށް ނިންމަވައި އެކަމުގެ އަމަލީ މަސައްކަތް ވަނީ މިއަހަރު ފަށާފަ އެވެ. އެގޮތުން މިއަހަރު އޭޕްރީލްމަހު 15 ކުއްޖެއް އިންޑިއާގެ މަނީޕާލް ހޮސްޕިޓަލަށް އަދި ތިންކުއްޖަކު ސްރީލަންކާގެ އާސިރީ ހޮސްޕިޓަލަށް ވަނީ ބޯންމެރޯ ހެއްދުމަށް ފޮނުވާފަ އެވެ.

ބޯންމެރޯއަށް ފޮނުވި ކޮންމެ ކުއްޖަކަށާއި، އެކުއްޖާގެ އެހީތެރިއެއްގެ ގޮތުގައި ދެ އެހީތެރިންނާއި އަދި ޑޯނަރުގެ ހުރިހާ ހަރަދެއް ޒަކާތު ފަންޑުގެ ތެރެއިން ވަނީ ހަމަޖައްސައިދީފައި ކަމަށާއި އެކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އެންސްޕާއާއި އާސަންދަ ގުޅިގެން ހަމަޖައްސާދީފައިވާ ކަމަށް އެންސްޕާގެ ބަޔާނުގައިވެ އެވެ.

އެ ހުރިހާ ހަރަދަކާއެކު މިއަހަރު ރޯދަމަސް ނިމުމާއެކު 16 ކުއްޖެއް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށް އެންސްޕާއިން ބުންޏެވެ.

ތެލެސީމިއާ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަކުރާ ބައްޔެކެވެ. އެގޮތުން ތެލެސީމިއާގެ ވަރަށްގިނަ ވައްތަރުތައް ރާއްޖެއިން ފެންނަމުން އަންނަ އިރު، ތެލެސީމިއާ ބަލީގައި ލޭއަޅަމުން އަންނަ ކުދިންނަށް އެބަލިން ސަލާމަތްވުމަށް ހަމައެކަނި އޮންނަ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. ނަމަވެސް އެ އޮޕަރޭޝަން ވެސް ކާމިޔާބުވެދާނެ ކަމުގެ އޮންނަނީ 50 ޕަސެންޓުގެ ޔަގީންކަމެކެވެ.