މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދާލަތު ޕާޓީ 69،000 ރުފިޔާ އިން އަދި އެމްޑީޕީ 53،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މޭޑޭ މުޒާހަރާގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، ފުލުހުންނަށް ހަމަލާދިނުމާއި އާމުންގެ މުދަލަށް ގެއްލުންދިނުމާއި އަނިޔާވެރި އަމަލުތަކަށް ގޮވައިލުންފަދަ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

".... އަދި ތަކުރާރުކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުންތަކަށް ތަބާވެފައިނުވާތީ މިއަދު މިކޮމިޝަނުން މިދެންނެވި ދެ ޕާޓީ ޖޫރިމަނާ ކޮށްފީމެވެ،" އިލެކްޝަންސްގެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ޚިލާފުވެފައިވާތީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އެ ދެ ޕާޓީއަށް ފޮނުވި ސިޓީގައި ހަތް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ.

މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ ޕާޓީ ޖޫރިމަނާކޮށްފައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައި ވަނީ 33،000 ރުފިޔާއިންނެވެ. އަދި އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ 47،000 ރުފިޔާ އިންނެވެ.