ކ. ތުލުސްދޫގައި ހުންނަ ކ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ކައުންސިލް އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ މައްސަލަ ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޑީއާރުޕީ އާއި ގައުމީ ޕާޓީން ބުނެފި އެވެ.

ތުލުސްދު އާއި ފުނަދޫ މައްސަލައާ ބެހޭ ގޮތުން ޑީއާރުޕީ އާއި ގައުމީ ޕާޓީން ހިއުމަންރައިޓްސް ކޮމިޝަނާ އެކު ބޭއްވި މަޝްވަރާތަކަކަށް ފަހު ނޫސްވެރިނަން މައުލޫމާތު ދެއްވަމުން ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު އިއްޔެ ވިދާޅުވީ އެ ދެއަތޮޅުގެ ކައުންސިލްގެ މަސައްކަތް ފުރިހަމަ ގޮތުގައި ހިނގަމުން ނުދާތީ، އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.

"އެ ދެ އަތޮޅުގައި ކައުންސިލްގެ މަސައްކަތް ހިނގަމުން ނުދާތީ ރައްޔިތުންގެ ވަރަށް ގިނަ ހައްގުތަކެއް ވަނީ ގެއްލިފައި. އެހެންކަމުން އެކިފަރާތްތަކާ ވާހަކަ ދައްކައިގެން ފުރަތަމަ މަސައްކަތް ކުރަމުން މިދަނީ އެކަމަށް ހައްލެއް ހޯދުމަށް. ނަމަވެސް އެ މައްސަލަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ވެސް އެބަކުރިއަށްދޭ" އިމާދު ސޯލިހު ވިދާޅުވި އެވެ.

ޑީއާރުޕީގެ ކައުންސިލް މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ، އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލެމުންދާ އިރު ވެސް، ރާއްޖޭގެ ހިއުމަންރައިޓްސް އެމްބެސެޑެރާއި މަދަނީ ޖަމްއިއްޔާތަކުން އަޅާނުލާ މައްސަލައިގައި ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަ އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަދަނީ ޖަމްއިއްޔާ ތަކާއި އެހެނިހެން މުއައްސަސާތަކާ ބައްދަލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އދ.ގެ ހިއުމަންރައިޓްސް ގޮނޑިއެއް ރާއްޖެ އަށް ލިބިފައި އޮތުމާއި ރާއްޖޭގެ ހިއުމަންރައިޓްސް އެމްބެސެޑަރާއި ޓްރާންސްޕޭރެންސީ އާއި މޯލްޑިވްސް ޑިޓެއިނީ ނެތްވޯކް ފަދަ ޖަމްއިއްޔާތަކަށް އެކަންތައް ނުފެނުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާކަމެއް. މައްސަލަ ސަމާލުކަމަށް ގެނައުމަށް އެފަދަ ފަރާތްތަކާ ވެސް އަޅުގަނޑުމެން ބައްދަލު ކުރާނަން،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ތުލުސްދޫ އާއި ފުނަދޫގައި ހިންގާ އިންސާނިއްޔަތާ ހިލާފް އަމަލުތަކަކީ، ސަރުކާރުގެ އިސްބޭފުޅުންތަކެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާކަތައް އޮއްބާލުމަށް ސަރުކާރުން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އެ އަމަލުތަކަކީ ކުރިން ވެސް ސަރުކާރުން ކުރިއަށް ގެންދާ ގޮތްދޫނުކުރުމުގެ އަމަލުތަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.