11 Jun 2015, 14:21
ސަލީމާ އިސްމާއީލްގެ ކަރުގެ ކަށިގަނޑު ވަރަށް ބޮޑަށް ގުދުވެފައި އޮންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އެކަން ރަނގަޅު ކުރުމަށް މަސައްކަތެއް ފެށުނީ ބެންގަލޫރުން ރާއްޖެއަށް ޒިޔާރަތް ކުރި ޑޮކްޓަރަކާ އޭނާއާ ބައްދަލުވުމުންނެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވާ ސަލީމާއަށް ބެންގަލޫރުގެ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލްސް އިން ފަރުވާ ހޯދަން އައި އިރު އޭނާގެ ލެނބިފައި އޮތް އޮތުމުގެ ސަބަބުން އޭނާއަށް ހިނގައި ބިނގައި ވެސް ނޫޅެވޭ ކަމަށެވެ.
"...އޭނާގެ ފައި ހުރީ ހަރުދަނޑިވެފައި، މައިނާރު އޮތީ ފިތިފައި. އެކަމުގެ ސަބަބުން މުޅި ގައިން ދިޔައީ ދިލަނަގަމުން. ކިޕްސޯކޮލޯސިއޯސިސް [ބަލި] ޖެހިފައި ތިބި މީހުން އަހަރެމެންނަށް ފެނުނަސް، އޭނާއަށް ކުރިމަތިވެފައި ވީ ކަށި ގުދުވުމުގެ ވަރަށް ވޭންދެނިވި ހާލަތެއް، ސަލީމާއަށް ފަރުވާ ކުރި ޑރ. މުރާލީ މޯހަން އެސް ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.
ސަލީމާގެ މައްސަލައަށް ހޯދުނު ހައްލަކީ ސިއްހީ ފަރުވާގެ ދާއިރާއިން ހޯދުނު ފާހަގަ ކޮށްލެވޭ ވަރުގެ ކާމިޔާބީއެކެވެ. އިންޑިއާގެ ނޫސްތަކުން އެކަމާ ބެހޭ ސުރުޚީތައް އެޅީ އެހެންވެ އެވެ.
ފަރުވާ ދިނުމަށް ފަހު ޑޮކްޓަރުން މިހާރު ރަނގަޅު ވަމުން އަންނަ ސަލީމާއަށް މިހާރު އިސް އުފުލާ ލެވެ އެވެ. އޭނާ ބޭނުން ވަނީ އޭނާގެ ދަރިފުޅު ޑޮކްޓަރަކަށްވާށެވެ.
"...ޙައްޖަށް ދިއުމަކީ އަހަރެން ދެން ކުރަން ބޭނުންވާ ކަންތައް. އަހަރެން އެދެނީ އަހަރެންގެ ދަރިފުޅު ޑޮކްޓަރަކަށް ވާން،" ހޮސްޕިޓަލުގައި އޮވެ، ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެ އެވެ.