11 Jun 2015, 13:39
އައްޑޫ ސިޓީގެ ކުނި އުކާލުމުގެ މަސައްކަތް ވަގުތީގޮތުން މޯލްޑިވްސް ރޯޑް ޑިވެލޮޕެމެންޓް ކޯޕަރަޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިގު އިބްރާހިމް އާއި އެމްއާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހް އެވެ.
އައްޑޫ ސިޓީގެ ކުނިއުކާލުމުގެ މަސައްކަތް އެމްއާރުޑީސީ އާ ހަވާލުކޮށްފައި މިވަނީ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާލާފައި ވަނިކޮށެވެ.
މިއަދު ސޮއިކުރުމަށް ފަހު މިނިސްޓަރު ތާރިގު ވިދާޅުވީ، އެމްއާރުޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަހަކު 734،792 ރ އަށް ކަމަށެވެ. އެންވަޔަރަންމެންޓް މިނިސްޓްރީން އެމްއާރުޑީސީ އަށް ފައިސާ ދެއްކި ނަމަވެސް އައްޑޫސިޓީގެ ގެތަކުން އެއްވެސް ފައިސާ އެއް ނުނަގާނެ ކަަމަށް ތާރިގް ވިދާޅުވި އެވެ. ކުނި މެނޭޖްކުުރުމުގެ މަސައްކަތުގައި އައްޑޫ ސިޓީ ގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ތާރިގް ވިދާޅުވި އެވެ.
" އައްޑޫ ސިޓީން ކުނި މެނޭޖްކުުރުމަށް މިދިއަ ހަފްތާގަ އެއްވެސް މަސައްކަަތެއް ނުކުރޭ. އެހެންކަމުން ބައެއް ސަރަހައްދުތަކުގަ ކުނިތައް ޑީކޮމްޕޯސްވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުން. އެހެންވީމަ ސަރުކާރުން ނިންމީ ވަގުތީ ގޮތުން އެމްއާރުޑީސީ އާއި މަސައްކަތް ހަވާލުކުރަން" ތާރިގް ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ދަތިވެފައި ހުރި މަސައްކަތް ހަލުވިކަމާއި އެކު ކުރުން ކަަމަށެވެ. އަދި ކުނި އުކާލުމުގެ މަސައްކަތް އެމްއާރުޑީސީ އާއި ހަވާލުކުރީ ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއި އެކު ކުނިއުކާލެވޭނެ ނިޒާމެއް ނެތްނަަމަ އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ދިމާވެ ބަލިމަޑުކަމެއް ވެސް އުފެދިދާނެތީ ކަަމަށް ތާރިގު ވިދާޅުވި އެވެ.
'ސަން' އިން ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން ތާރިގު ވިދާޅުވީ، ސަރުކާރުގެ ނިންމުމުގެ ވާހަކަ އައްޑޫ ސިޓީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑުމެން މިކަން ކުރާ ވާހަކަ އައްޑޫ ސީޓި (ކައުންސިލަށް) ދެންނެވިން. އެކަމަކު އަޅުގަނޑުމެންނަށް މިވަގުތު މަޝްވަރާކޮށްގެން މިކަން ކުރަން ބަލަހައްޓައިގެން ތިބެވޭކަށް ނެތް،" ތާރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމްއާރުޑީސީ އާއި މަސައްކަތް ހަވާލުކޮށްފައި ވަނީ ދާއިމީކޮށް އެ މަސައްކަތްކުރަން ބަޔަކު ހަމަޖެހެން ކަމަށެވެ. އަދި އެކަމަށް ދެމަސްވާނެ ކަަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއާރުޑީސީން އައްޑޫ ސިޓީގެ ގެތަކުން ކުނި މެނޭޖްކުރުމުގެ މަސައްކަތް އެކަށީގެންވާގޮތެއްގައި ކުރިއަށް ގެންދާނޭ ކަަމަށް ވެސް ތާރިގު ވިދާޅުވިއެވެ.