"އިމާމުން ތާޒާ ކުރުން" އެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިމާމުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި 25 އިމާމުން ތާޒާކޮށްފި އެވެ.

އެއްދުވަހުގެ މުއްދަތަކަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގެ ބައިވެރިނަށް މިއަދު ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރު ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، އިމާމުން އިސްކަންދޭންވީ ރިވެތި އަހުލާގުގެ މަތީގައި ތިބެ ހިދުމަތް ދިނުމަށް ކަމަށެވެ.

އަދި އިމާމުކަން ކުރާ އިރު ތެދުވެރިކަމާއެކު އެކަން ކުރުމަށް ޝެއިޚް ރަޝީދު ވަނީ އިމާމުންނަށް ނަސޭހަތް ދެއްވާފައެވެ.

އިމާމުން ތާޒާކުރުމަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިންނަށް މިއަދު ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ - އަލީ ނަސީރު

އިމާމުން ތާޒާ ކުރުމުގެ ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޤާރީ އަލީ ވަހީދު އާއި އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފު އެވެ.

އިމާމުން ތަޒާކުރުމަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިނަށް މިއަދު ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ - އަލީ ނަސީރު

އިމާމުން ތާޒާ ކުރުމުގެ ކޯހުގައި ބައިވެރިވި ފަރާތްތަކުން ވަނީ އިސްލާމިކް މިނިސްޓްރީން އެ ބޭފުޅުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވޯކްޝޮޕްގެ ސަބަބުން ގިނަ އެއްޗިހިތަކެއް އެނގިގެން ދިޔަކަން އެބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެބޭފުޅުން ވަނީ ދެ ކަމަކަށް އެދި ލައްވާފަ އެވެ. އެ ދެކަމަކީ:

  • ބަންގީގެ އަޑުތަށް ރީތިކޮށް މީހުން އަޑުއަހާހިތްވާ ގޮތަށް ބަންގޮ ގޮވުމަށް އަޑު ރީތިކުރުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްދިނުން.

  • ކުރީގެ މިނިސްޓަރު ޝަހީމު ވިދާޅުވި އިމާމުންނަށް ޙާއްސަ ތިންމަސްދުވަހުގެ އަރަބި ކޯސްތަކުގެ ހަބަރެއް ބަލައި އެކަން އަވަސްކޮށްދިނުން.

އިމާމުން ތަޒާކުރުމަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިނަށް މިއަދު ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިއަކު ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ - އަލީ ނަސީރު

ތާޒާކުރި އިމާމުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، ތަމްރީނު ދެއްވި ފަރާތްތަށް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.