11 Jun 2015, 16:44
އިންސާނިއްޔަތަށް ކުރިމަތިވަމުންދާ ދަތިތަކާއި ހުރަސްތަކުން މިންޖުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ދިވެހި ރެޑު ކުރެސެންޓާ ދެމެދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ. ރެޑު ކުރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ ރައްޒާގު ނަމަކަށް ކިޔާ ބޭފުޅެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ފުލުހުންނާއި ރެޑު ކުރެސެންޓާ ދެމެދު މިހާރުވެސް ކުރެވެމުން އަންނަ މަސައްކަތްތަކަށް ރަސްމީ ސިފައެއް ޖެހިގެން އައި އެއްބަސްވުމެއް ކަމަށެވެ.
ހުސައިން ވަހީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރެޑު ކުރެސެންޓުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ އެހީތެރިކަން ލިބެމުންދާނެ ކަމަށެވެ.
"އިންސާނިއްޔަތަށް މަސައްކަތް ކުރުމުގައި ފުލުހުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށްޓަކައި ރެޑު ކުރެސެންޓުގެ ފަރާތުން ލިބިދޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މި އެމްއޯޔޫގައި ހިމެނިގެންދާނެ. ތަފާތު ގިނަ ހަރަކާތްތަކެއް އެއްކޮށް ހިމެނޭ ގޮތަށް އަމާޒު ކުރެވިފައި ވަނީ ތަމްރީނު ދިނުމާއި ދެމެދު ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ،" ހުސައިން ވަހީދު ވިދާޅުވި އެވެ.
ރެޑް ކުރެސެންޓުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ރައްޒާގު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ރެޑް ކުރެސެންޓުގެ ގާނޫނުގެ ދަށުން އެ ޖަމްއިއްޔާއަށް ލާޒިމް ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ ގައުމުގެ ޒުވާނުން ކުށުގެ ވެށިން ސަލާމަތްކޮށް ރައްކާތެރި ރައްޔިތުންތަކެއްގެ ގޮތުގައި ބިނާ ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި މި ޖަމާއަތުގެ [ރެޑު ކުރެސެންޓު] ގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަން ދިވެހި ފުލުހުންނަށާއި ކޮމިޝަނާ އޮފް ޕޮލިސް އަށް އަރުވަން،" ރައްޒާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރެޑު ކުރެސެންޓުން ހިންގާ ތަފާތު ތަމުރީނު ޕްރޮގުރާމުތަކުގައި ފުލުހުންނާ އެކު މަސައްކަތްކުރެވޭނެ ކަމަށެވެ.