11 Jun 2015, 12:43
އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓަރެއްގެ ޚިޔާނާތުގެ ވާހަކަ ލިއުނު ނޫސްވެރިއެއް ކަމަށްވާ ޖަގެންދުރަ ސިންގް އިއްޔެ މަރުވީ ފިހުމުގެ ސަބަބުން ލިބުނު ގެއްލުންތަކެއްގައެވެ. އޭނާ މަރުވީ އުއްތަރު ޕްރަދޭޝް ސަރުކާރުގެ ނިކަމެތިންގެ ކަންތައްތައް ރަނގަޅު ކުރުމާ ބެހޭ މިނިސްޓަރު ރާމް މޫރުތީ ސިންގް ވަރުމާ، އާއި އެހެން ބަޔަކު އޭނާގެ ގައިގައި އަލިފާން ރޯ ކުރުމުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ޖަގެންދުރާގެ ދަރިފުޅު ރާޖަން މިހާރު ވަނީ ވަރުމާއާ ހަތަރު ފުލުހަކު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކޮށްދިނުން އެދި ފުލުހުންނަށް ހުށަހަޅާފައި ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން ބުންޏެވެ.
ރާޖަން ބުނާ ގޮތުގައި ވަރުމާ އޭނާގެ ބައްޕައަށް ހަމަލާ ދިނީ ނާޖާއިޒު ގޮތުގައި ބިން ހޯދުން ފަދަ ޚިޔާނާތުގެ މައްސަލަ ތަކުގެ ވާހަކަ ސޯޝަލް މީޑިއާ ފޭސްބުކްގައި ލިއަމުން ގެންދާތީއެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް ޕްރެސް ކައުންސިލް އޮފް އިންޑިއާއާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން މިހާރު ވަނީ ގޮވާލާފައެވެ. އުއްތަރު ޕްރަދޭޝްގެ ފުލުހުން ބުނެފައި ވަނީ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.