ގޮތްނޭނގޭ ބައްޔެއްޖެހިގެން ގއ. ނިލަންދޫގައި ހައްދާފައި ހުރި ހުރިހާ ކަރާތަކެއް ހަލާކުވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލްގެ ރައީސް ނާސިހު އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ، އެރަށުގައި ހައްދާފައިހުރި 800 އެއްހާ ޓަނުގެ ކަރަލުގައި ޒާތެއްގެ ބައްޔެއްޖެހިގެން ހުރިހާ ކަރާތަކެއް ހަލާކުވެފައިވާ ކަމަށެވެ.

"ފާޑަކަށް ކަރާތައް ފާވެފައި ހުންނަނީ. ކަރަލުގެ އިތުރުން އެ ދަނޑުތައްވެސް ވަނީ ބަލިއަޅާފައި،" ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެރަށުން މިފަހަރު ރޯދަޔަށް ހާއްސަކޮށްގެން ކަރާ ހެއްދުމަށް 200 ދަނޑު ދޫކޮށްފައިވާއިރު އެހުރިހާ ދަނޑެއްގައި ހައްދާފައިވާ ކަރާތަކުގެ ހާލަތަކީއެއީ ކަމަށެވެ.

އެރަށުގައި ކަރާ ހެއްދުމަށް 200 އެއްހާ ދަނޑުވެރިން ހަރަކާތްތެރިވާއިރު މިދިޔަ އަހަރު ރޯދަ މަހު ކޮންމެ ދަނޑުވެރިއަކަށް 50،000 ރުފިޔާގެ އާމްދަނީއެއް އެކަމުން ލިބުނުއިރު މިފަހަރު ލިބުނީ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ށ. ފީވަކުން ވަނީ ފުރުޓްފްލައި ނަމަކަށް ކިޔާ، ދަނޑުވެރިކަމަށް ގެއްލުންތަކެއްދޭ ސޫތްޕެއް ފެނިފައެވެ. އެސޫފީގެ ސަބަބުން އެގޮތަށް މޭވާތައް ހަލާކުވެއެވެ.

ނާސިހު ވިދާޅުވީ، އެރަށަށް ދިމާވެފައިވަނީ ފުރުޓްފުލައިގެ މައްސަލަކަމަށް ނުބެލެވޭ ކަމަށާއި އެމައްސަލަ މިހާރު ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ގޮތްނޭނގޭ ބަލީގެ ސަބަބުން ނިލަންދޫ ކަރާދަނޑުތައްް ހަލާކުވެފައި-- ސަން ފޮޓޯ: ނާސިހު

ކަރަލުގެ އިތުރުން އެރަށުގައި ހައްދާ އެހެން ދަނޑުވެރިކަމުގެ ބާވަތްތަކަށް އޭގެ މާބޮޑު އަސަރެއް ނުކުރާކަމަށްވެސް ނާސިހް ވިދާޅުވި އެވެ.

ރޯދަމަސް ކައިރިވެފައިވާއިރު ރާއްޖޭގެ ދަނޑުވެރިކަމަށް މިފަހަރު ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވެފައިވާ ރަށްރަށުގެ ތެރޭގައި ގދ. ފިޔޯރީ ހިމެނެ އެވެ. އޭގެ އިތުރުން އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ދަނޑުވެރިކަން ކޮށްއުޅޭ ބައެއް ރަށްރަށާއި ގދ. ވާދޫ ހިމެނެއެވެ.