02 Mar 2011, 09:38
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅޭ މެޗުގައި ރާއްޖޭގެ ވިކްޓަރީ އާއި ސިންގަޕޯރގެ ޓެމްޕައިންސް ރޯވާރސް ނުކުންނައިރު ދެ ކޯޗުންވެސް ތިބީ މެޗުން މޮޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަމުގައެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވިކްޓަރީ މިހާރު ވަރުގަދަ ކަމަށާއި ހާއްސަކޮށް ޑިފެންސް ލައިނާއި ޓީމުގެ މޯޓިވޭޝަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ކުޅުދުއްފުށީ ދަތުރަށްފަހު ޓީމުގެ މޯޓިވޭޝަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި." އޭނާ ބުންޏެވެ.
ސުޒޭން ބުނީ މިއީ ސީޒަންގައި އޭނާގެ ޓީމުގެ ދެވަނަ ފެނިލުން ކަމަށްވިއަސް ޓެމްޕައިންސް މިމެޗަށްއައީ ވަރުގަފދަ 3 މެޗު ކުޅެފައި ކަމަށެވެ.
"އެއީ އެމީހުންނަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެއް" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ފުރަތަމަ މެޗުން މޮޅުވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
" އޭރުން އެމެޗުން ލިބޭ ހިތްވަރުން އިތުރު ހަރުފަތަކަށް ދިޔުމަށްވެސް ވަރަށް ބޮޑު ބާރަކަށްވާނެ." އޭނާ ބުންޏެވެ.
ޓެމްޕައިންސްގެ ކޯޗު ސްޓީވަން ވޮންގް ބުނީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި ރާއްޖެ އާދެވުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ދުވަހެއް ދުވަހަކަށް ކުރިއަރާ ތަރައްގީވަމުންދާ ކަމަށެވެ. "އެކަމަށް އަހަރެން އިޙްތިރާމް ކުރަން" އޭނާ ބުންޏެވެ.
ސްޓީވަންވެސް ބުނީ ކޮންމެ މުބާރާތެއްގައިވެސް އެންމެ މުހިއްމުވާނީ ފުރަތަމަ މެޗު ކަމަށާއި އަނެއް ބުރަށް ދިޔުމަށް ކޮންމެހެން މޮޅުވާން ޖެހޭ ކަމަށެވެ.
ސްޓީވަން ބުނީ ރާއްޖޭގެ މާހައުލް ހޫނުވުމުން އޭނާ ކުޅުވަން ބޭނުންވާ އެޓޭކިން ގޭމަށް ހުރަސް އެޅިދާނެ ކަމަށެވެ.
މިމެޗުގެ ކުޅިބެލުން ހަމަޖެހިފައިވަނީ ހިލެއެވެ. އެއީ ވިކްޓަރީއަށް 40 އަހަރުފުރުމުގެ މުނާސަބަތުގައި ހިންގަން ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރެއިން އޭއެފްސީކަޕްގައި ވިކްޓަރީ މާލޭގައި ކުޅޭ ހުރިހާ މެޗެއް ހިލޭ ކުޅިބެލުން ހަމަޖައްސާފައިވާތީ އެވެ.