ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖޭން ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގިނަމީހުން އެކަމަށް އިސްކަން ނުދިނުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ)އާއި އޭޝިއަން ޑިޒާސްޓާ ޕްރިޕެއާޑްނަސް ސެންޓަރު (އޭޑީޕީސީ) ގުޅިގެން ހިންގި ޕްރިއޯރިޓީ އިންޕްލިމެންޓޭޝަން ޕޮރޮޖްކެޓް ނިންމައި، އެ ޕްރޮޖެކްޓްގައި އެކުލަވައިލި ތިން ފޮތެއް ނެރުމަށް ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުޙައިރު ވިދާޅުވީ ކާރިސާ ތަކުން ތަރައްގީއަށް ހުރަސް އެޅޭ އިރު މަޝްރޫއުތައް ހިންގުމުގައި އެކަމަށް ސަމާލުކަން ދެވެނީ ވަރަށް ކުޑަކޮށް ކަމަށެވެ.

"...މިދާއިރާއިން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އިސްކަން ދެވޭ ކަމަކަށް ނުވުން. މިކަހަލަ ހާދިސާތަކުން ތަރައްގީގެ ހުރިހާ ކަމަކަށް އަސަރުކުރާއިރު ވެސް ތަރައްގީގެ މަޝްރޫއުތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތަކާ ގުޅުވައިލުމަށް އަމާޒު ހިފެނީ ވަރަށް ކުޑަކޮށް،" ޒުހައިރު ވިދާޅުވިއެވެ.

އެންޑީއެމްސީއާއި އޭޑީޕީސީ ގުޅިގެން މިއަދު ނެރުނު ތިން ފޮތުގެ ތެރެއިން އެއް ފޮތަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއި ތަރައްގީއާ ގުޅުވައިލުމާ ބެހޭ އެކްޝަން ޕްލޭނެވެ. އަދި ދެވަނަ ފޮތަކީ އެދާއިރާއިން ރާއްޖެއިން މަސައްކަތްކޮށްފައިވާ ގޮތުގެ ގައުމީ ރިޕޯޓެވެ. ތިންވަނަ ފޮތަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިޖުތިމާއީ ފެންވަރުގައި މަސައްކަތް ކުރާނެ ގޮތުގެ ފްރޭމްވޯކެވެ.

އެ ތިން ފޮތް ވެސް ދިވެހިބަހާއި އިނގިރޭސިބަހުން ވެސް ޗާޕްކުރާނެ ކަމަށާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މީހުން ތަމްރީނުކުރުމާއި ހޭލުންތެރި ކުރުވުމުގެ ކަންކަމަށާއި ސިޔާސަތުތައް ކަނޑައެޅުމުގައި އެ ފޮތްތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭނެ ކަމަށް އެންޑީއެމްސީ އިން ބުންޏެވެ.