ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ގަތަރު މިރޭ ބައްދަލު ކުރާއިރު އެ މެޗަށް ޕްރިންޓް ކުރި 9000 ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

އެފްއޭއެމްގެ އޮފިޝަލެއް ސަން އަށް ވިދާޅުވީ، ސިޑި ބަރީގެ ޓީކެޓާއި ގޮނޑިބަރީގެ ޓިކެޓްވެސް ވިކި ހުސްވެފައިވާ ކަމަށެވެ.

ގޮނޑި ބަރީގެ ޓިކެޓް ވިއްކާފައިވަނީ 100 ރުފިޔާއަށާއި 150 ރުފިޔާއަށެވެ.

އަދި ސިޑި ބަރީގެ ޓިކެޓް ވިއްކާފައިވަނީ 50 ރުފިޔާއަށެވެ.

ޓިކެޓް ހުސްވެފައިވަނީ ޓިކެޓް ވިއްކަން ފެށިތާ ތިން ދުވަސް ތެރޭގައެވެ. ގަލޮޅު ދަނޑުގައި ޓިކެޓް ވިއްކިއިރު ޓިކެޓް ގަތުމަށް ދިގު ކިޔުތައް ހަދާފައި އޮތެވެ.

ރާއްޖެއާ ގަތަރު ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ޑިފެންޑަރު އަކުރަމް ޢަބްދުލް ޣަނީ ބުނީ މިރޭގެ މެޗްގައި ސަޕޯޓަރުންގެ އެހީއާއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.