11 Jun 2015, 11:38
ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގަތަރުގެ ފޮރިން މިނިސްޓަރު ޑރ. ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާއާ ބައްދަލުކުރައްވައިފި އެވެ.
ގަތަރުގެ ފޮރިންމިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުުގައި ގަތަރުގެ ފޮރިން މިނިސްޓަރު ޑރ. ޚާލިދު ބިން މުހައްމަދު ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ތާރީޚީ އަދި އެކުވެރި ގުޅުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ދެ މިނިސްޓަރުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ތަރައްގީއަށްޓަކައި ގަތަރުން ވެދީފައިވާ އެހީތެރިކަމަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ދުންޔާ ވަނީ ގަތަރަށް ޝުކުރު އަދާކުރައްވައިފައެވެ.
ގަތަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުންޔާ ވަނީ ގަތަރު ފައުންޑޭޝަންގެ ރައީސް ސާދު އިިބްރާހިމް އަލް މުހައްނަދީ އާއި ވެސް ބައްދަލުކުރައްވައިފައެވެ. ގަތަރުފައުންޑޭޝަން އޮފީހުގައި ބޭއްވި އެ ބައްދަލުކުރުމުގައި ރާއްޖޭގެ އިންފްރާސްޓަރްޗާ ތަރައްގީ ކުރުމާއި ސިއްހީ އަދި ތައުލީމީ ދާއިރާއިން ގަތަރު ފައުންޑޭޝަނުން ދެވިދާނެ އެހީތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދުންޔާ ގަތަރަށް ކުރައްވަމުންގެންދަވާ ދަތުތުފުޅަކީ ރައީސް ޔާމީނުގެ ޚާރިޖީ ސިޔާސަތާއި އެއްގޮތަށް އިސްލާމީ ގައުމުތަކާއި ގުޅުންބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.