11 Jun 2015, 10:30
ގަތަރަކީ ފުޓްބޯޅައިގައި ސަރަހައްދުގެ ކިހާވަރެއްގެ ބާރެއްކަން ސަންގެ ކިޔުންތެރިންނަށް އޮޅިފައެއް ނޯންނާނެއެވެ. ރާއްޖެ ހިމެނޭ ސަރަހައްދާއި ގަތަރު ހިމެނޭ ސަރަހައްދަކީ ފުޓްބޯޅައިގެ ހުނަރުވެރިކަމާ ވަސީލަތްތަކުގައިވެސް އަޅައި ކިޔެން ނެތް ދެ ސަރަހައްދެވެ. ކޮންމެ ގޮތަކަށް ބެލި ނަމަވެސް ގަތަރަކީ ދިވެހިރާއްޖެއަށްވުރެ އެތަށް ގުނައެއް އެޑްވާންސް ގައުމެކެވެ. ހުރިހާ މައިދާނެއްގައިވެސް އެކަން އޮތީ އެހެންނެވެ.
މިރޭ 9:00 ގައި ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމާއި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބައްދަލު ކުރާއިރު މިއީ ފުޓްބޯޅައިގައި ދެ ގައުމު ކުރިމަތިލާ ފުރަތަމަ މެޗެވެ. ދުނިޔޭގެ ރޭނޭންކިގައި ގަތަރު އޮތީ 97 ވަނައިގައެވެ. ދިވެހިރާއްޖެ އޮތީ 178 ވަނައިގައެވެ. ދެގައުމުގެ ދެމެދުގައި ފުޓްބޯޅައިން މިހާބޮޑު ތަފާތެއް އޮތް އިރު މިރޭގެ މެޗްގައި ގަތަރު ސިއްސުވާލެވޭނެ އުކުޅެއް ރާއްޖެއަށް ބޭނުން ކުރެވެން އެބައޮތެވެ.
އެއީ މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު އޭޝިއާގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގެ ބާރުތައް ސިއްސުވާލި އުކުޅެވެ. ވަރުގަދަ ދެކުނު ކޮރެޔާ އީރާން ވެސް ސިއްސުވާލީ ދިވެހި ސަޕޯޓަރުން ދިވެހި ޓީމަށް ދިން ސަޕޯޓުންނެވެ.
ދިވެހި ގައުމީ ޓީމަކީ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު 'ކަށިން ހިތްވަރު ނެރެގެން' ކުޅޭ ބައެކެވެ. ކުޅުންތެރިންގެ ހިތުގައި ގައުމީ ޖޯޝާއި ހިތްވަރު އާލާކޮށްދޭ އެންމެ ބޮޑު ސަބަބަކީ ދިވެހި ސަޕޯޓަރުންގެ ސަޕޯޓެވެ.

ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓްކުރަނީ: މިރޭގެ މެޗްގައި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖައެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ދިވެހި ޓީމުން ބުނޭ --- ސަން ފައިލް ފޮޓޯ
އީރާނަކީ ދިވެހި ޓީމްކޮޅަށް 17 ލަނޑު ޖަހައި ދިވެހިން ލަދު ގަންނަވާލިގައުމެވެ. ނަމަވެސް 2011 ވަނަ އަހަރު މާލޭގައި ވަރުގަދަ އީރާން ހަމަ ބިމަށް ތިރިކުރުމުގައި އެނެމެ ބޮޑު ދައުރެއް އަދާ ކުރީ ދިވެހި ސަޕޯޓަރުންނެވެ.
އެ މެޗްގައި އީރާން 1-0 ކުން މޮޅުވިއިރު އެޓީމަށް ލަނޑު ޖެހުނީ ހަނި ފުރުސަތަކުންނެވެ. އެ މެޗްގައި ދިވެހި ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މީރޭގެ މެޗްގައިވެސް ގަތަރާއި ދެކޮޅަށް ނިކުންނައިރު ދިވެހި ޓީމް އެންމެ ބޭނުންވަނީ ދިވެހި ސަޕޯޓަރުންގެ ސަޕޯޓެވެ.
ގައުމީ ކޯޗް ވެލިޒާ ޕޮޕޯފްވެސް ބުނެފައިވަނީ މެޗްގައި ރާއްޖެއަށް ވަރަށް ބޮޑަށް ހޯމް އެޑްވާންޓޭޖް ބޭނުން ކުރެވެން އެބައޮތް ކަމަށައި އެއީ ދިވެހި ސަޕޯޓަރުންގެ ސަޕޯޓް ކަމަށެވެ.
ގައުމީ ޓީމްގެ ޑިފެންޑަރު އަކުރަމް ޢަބްދުލް ޣަނީ އިއްޔެ ބުނީ ދިވެހި ސަޕޯޓަރުންގެ ސަޕޯޓާއެކު ޓީމުން ހިތްވަރުލައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ދިވެހި ސަޕޯޓަރުންގެ ސަޕޯޓަކީ ދިވެހި ޓީމް މެޗްގައި ހިތްވަރު ނެރުމަށް އެންމެ ބޮޑަށް ބާރުލިބޭނެ އެއް އުކުޅެވެ. ގަތަރުގެ ކުޅުންތެރިން ސިއްސުވާލުމަށް ދިވެހިންނަށް ބޭނުން ކުރެވެން އޮތީ އެ އުކުޅެވެ. ދިވެހި ސަޕޯޓަރުންގެ ސަޕޯޓެވެ.