ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގެ ގޮޮތުން ޗައިނާގެ ބެއިޖިންގައި ބާއްވާ އިންވެސްޓްމެންްޓް ފޯރަމް ބާއްވަނީ 'އެއްކޮށްހެން' ޗައިނާގެ ހިލޭ އެހީގައި ކަަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޗައިނާގައި މާދަމާ ފަށާ ކުންމިން ފެއާގައި ބައިވެރިވުމަށް ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާ ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، މި ފަހަރުގެ ފޯރަމަށް ޗައިނާގެ ސަރުކާރުގެ އެހީތެރިކަން ވަަރަށް ބޮޑަށް ލިބޭނެ ކަަމަށެވެ.

" މި ފަހަރު އަޅުގަނޑުމެންނަށް މި އުއްމީދު ކުރެވެނީ ވަރަށް ބޮޑު ބައެއް ނުވަތަ ހަމަ މުޅިން އެއްކޮށް ކަހަލަގޮތަކަށް އިވެންޓް އޯގަނައިޒް ކުރުގެ ޚަރަދަށް ދަންދެން ޗައިނާއިން ދެނީ،" މުންދު ވިދާޅުވި އެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާގޮތަށް ކުރިން ހަމަޖައްސާފައި އޮތީ ޝެންހާއީގައި ނަމަވެސް ޗައިނާގެ އެދުމުގެ މަތިން މިހާރު ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި އިންވެސްޓްމެންޓް ފޯރަމް ބާއްވާގޮތަށް ހަމަޖައްސާފައެވެ.

މުންދު ވިދާޅުވީ، އެގޮތަށް ބަދަލުކޮށްފައި ވަނީ ޗައިނާގެ ބޮޑެތި ކުންފުނިތަކާއި ޗައިނާ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މައި އޮފީސް ހުންނަނީ ބެއިިޖިންގައި ކަމަށްވާތީ އިންވެސްޓްމަންޓް ފޯރަމަށް ލިބޭ ތަރުހީބު ބޮޑުވާނީ އެތަނުގައި ބޭއްވުމުން ކަަމަށެވެ.

ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ރާއްޖޭގައި އިތުރު މަސައްކަތްތަކެއް ކުރަން ޝައުގުވެރިވާކަމަށް މުންދު ވިދާޅުވި އެވެ.

" ޗައިނާ ކުންފުނިތަކުން ރާއްޖޭގައި އިތުރު މަސައްކަތްކުރަން ބޭނުންވޭ. އޭގެތެރޭގައި ހުޅުމާލޭ ދެވަނަ ފޭސްގައި ހައުސިން މަސައްކަތާއި. އައިހެވަން ޕްރޮޖެކްޓަށް އިންޓްރެސްޓް އެބަހުރި،" މުންދު ވިދާޅުވި އެވެ.

އަދި ޗައިނާގެ ކުންފުނިތަކުން އެ ކުންފުނިތަކުން މަސައްކަތުގައި ބޭނުންކުރާ ސާމާނު ރާއްޖޭގައި ދާއިމީގޮތަށް ބަހައްޓަން ބޭނުންކަމަށް ބުނެފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ބެއިޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭން އިންވެސްޓަރުންނަށްދޭ ރައްކާތެރިކަމާއި ބެހޭގޮތުން އެ ފޯރަމްގައި ވާހަކަ ދައްކާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައިދު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރު އިންވެސްޓްމެންޓް ފޯރަމް ބާއްވާފައި ވަނީ ސިންގަޕޫރުގައެވެ.