11 Jun 2015, 09:44
ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ، ގަމު ގެއެއްގެ ތެރޭގައި ބަނގުލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:10 ގައި ކަމަށެވެ.
ލ.ގަމު ކައުންސިލް މެމްބަރު އަސްލަމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ތުނޑީ އަވަށު ގެއެއްގެ ތެރޭން ކަމަށެވެ. އެ ބިދޭސީ މީހާ އަކީ މާލޭމީހަކު އެރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެއް ކަމަށާއި އެގޭގައި އުޅެނީ އޭނާ އެކަނި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެބިދޭސީ މީހާގެ ގައިން ޒަހަމްތަކެއް ފެނިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ކޮންކަހަލަ ޒަހަމްތަކެއްކަން އަދި ސާފެއްނުވެއެވެ.
"މަރާލާފައި އޮށްވައި ފެނުނު ކަމަށް ވަނީ. އޭނަ އެކަނި އެގޭގައި ދިރިއުޅެނީ. ޒަހަމްތަކަކާއެކު މަރުވެފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އޭނާގެ ބޮލަށް ބޮޑު ޒަހަމްތަކެއް ވަނީ ލިބިފައެވެ.
"ހީވަނީ ބޮލުގައި އެއްޖަކުން ޖަހާފައިހެން. ބޮޑަށް ކުނި ވަސްދުވާ، ލަފާ ކުރެވެނީ ދެ ދުވަސްވެފައިވާ ކަމަށް،" ލ. އަތޮޅުގައި ހުންނަ ސަންގެ ކަރެސްޕޮންޑެންޓް އަލީ ވާފިރު ބުންޏެވެ.

އެ ބިދޭސީމީހާ މަރުވެފައި އޮށްވައި ފެނިފައިވަނީ އެގޭ ހަވާލުކޮށްފައިވާ ދިވެއްސަކު އެގެއަށް މިއަދު ހެނދުނު ވަނުމުން ކަމަށްވެސް ވާފިރު ބުންޏެވެ. އެބިދޭސީ މީހާ އޮތީ މޫނުމަތީ ހާލީހެއް އަޅައިފައި ކަމަށާއި އޭނާގެ ގައިން ވަރަށް ކުނިވަސްދުވާކަމަށް ވާފިރު ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ކޮޅުވެސް ވަނީ ބިދޭސީންނަށް އަމާޒުކުރެވިގެން ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ދެ ބިދޭސީއަކު ޒަހަމްތަކަކާއެކު މަރުވެފައިއޮއްވައި އޭރު ވަނީ ފެނިފައެވެ.