ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ނައިބް ރައީސާ ބައްދަލުކުރައްވައި ހުޅުމާލެއާއި މާލެއާ ދޭތެރޭ އަޅާ ބްރިޖްގެ އަމަލީ މަސައްކަތާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޗައިނާގައި މިއަދު ފަށާ ކުންމިން ފެއާގައި ބައިވެރިވުމަށް ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެެމެދު މުހިއްމު މަޝްވަރާތަކެއް ކުރިވިގެންދާނެ ކަމަށެވެ.

މުންދު ވިދާޅުވީ، ބްރިޖްގެ ސާވޭ މަސައްކަތާ ގުޅޭ އެއްމެ ފަހުގެ އެއްބަސްވުމުގައި މި ދަތުރުގައި ސޮއިކުރާނެ ކަމަށެވެ. އެއީ 20 މިލިއަން ޔުއާންގެ އެއްބަސްވުމެއް ކަމަށް މުންދު ވިދާޅުވި އެވެ. މިއީ ބްރިޖްގެ ސާވޭ ކުރުމާ ގުޅޭ އެކިއެކި ޚަރަދެވެ. އަދި ބްރިޖް ސާވޭގެ މަސައްކަތަށް ސަރުކާރުން އެއްވެސް ޚަރަދެއްކޮށްފައި ނުވާކަމަށާއި ޚަރަދުތައް ކޮށްފައި ވަނީ ޗައިނާއިން ކަަމަށް މުންދު ވިދާޅުވި އެވެ.

އަދި ޗައިނާ އާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބްރިޖްގެ ފައިނޭންސްކަންތަކާ ބެހޭގޮތުން މަޝްވަރާތަށް ކުރިއަށްދާނެ ކަމަށް މުންދު ވިދާޅުވި އެވެ.

" ދެން އޮންނާނީ ބްރިޖް ފައިނޭންސިން ނެގޯސިއޭޝަން. އެކަން ހިނގާނީ ޖޮއިންޓް ކޮމިޝަންގެ ތެރެއިން،" މުންދު ވިދާޅުވި އެވެ.

ޖޮއިންޓް ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަކީ މުންދުއާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައިދާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ޗައިނާގެ ފަރާތުން ތިއްބަވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އަދި އެގްޒިމް ބޭންކުގެ އިސްބޭފުޅުންނެވެ.

" މިހާރުވެސް ޔަގީން ބްރިޖްގެ ބޮޑު ބައި ހަމަޖެހިގެންދާނީ ހިލޭ އެހީގެ ގޮތުގައި،" މުންދު ވިދާޅުވި އެވެ. އެހެންނަމަވެސް ފައިނޭންސް ކުރަން ހުރި އޮޕްޝަންތަކުގެ މައުލޫމާތުވެސް ސާވޭގައި ހިމަނާފައިވާ ކަމަށާއި ފައިނޭންސްގެ ތަފްސީލީ މައުލޫމާތު އެނގޭނީ އޭރުން ކަަމަށް މުންދު ވިދާޅުވި އެވެ.