02 Mar 2011, 09:36
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ފުރަތަމަ މެޗުގައި އިއްޔެ އިންޑޮނޭޝިއާގެ ސްރީވިޖަޔާ އާއި ރާއްޖޭގެ ވީބީ ސްޕޯޓްސް ބައްދަލުކުރި މެޗު 1 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް ދެ ކޯޗުން މެޗު ސިފަކޮށްފައިވަނީ ތަފާތު ދެ ގޮތަކަށެވެ.
އިންޑޮނޭޝިއާގެ ޤައުމީ ކޯޗުކަންވެސް ކުރިންކޮށްފައިވާ އިވާން ކޮލިވް މެޗަށްފަހު ބުނެފައިވަނީ ހަގީގަތުގައިވެސް އޭނާ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.
"މިއީ އަހަރެމެންނަށް މޮޅުވެވެން ޖެހޭނެ މެޗެއް. ސަބަބަކީ ރަނގަޅު 10 ފުރުސަތު ލިބުނު. އެކަމަކު ކޮށްލެވުނު ކަމަކީ އެމީހުން އަތުން ވަން ބައިގޯލުން ޑްރޯއަކުން ފުއްދާލުން" އޭ އެފް ސީގެ ސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި ކޮލިވް ބުނެފައިވެއެވެ. ކޮލިވް ބުނީ އިއްޔެގެ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިން ނެތުން ކަމަށެވެ.
"އަހަރެމެންގެ 9 ކުޅުންތެރިއަކު ތިބީ އަނިޔާގައި. އެކަމަކުވެސް އަހަރެމެން ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު" ކޯޗު ބުންޏެވެ.
ކޮލިވް ބުނީ އަނިޔާގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ މިއަށްވުރެވެސް މެޗުތައް އުނދަގޫވާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.
ވީބީގެ ތުރުކީ ކޯޗު ކޭން ވަންލީ ބުނީ ޕޮއިންޓަކާއެކު ރަށަށް ދެވޭތީ އުފާވާ ކަމަށާއި އަދި ސްރީވިޖަޔާ ގޭމް ޑޮމިނޭޓް ކުރި ނަމަވެސް އެޓީމު ހިފެހެއްޓުނީތީ ހިތްހަމަ ޖެހޭ ކަމަށެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވީބީގެ ފޯވަޑް އައްސަދު އަލީ ޖަހާދީފައިވަނިކޮށް ދެވަނަ ގޯލަކީ ވީބީގެ ޑިފެންޑަރ ޑަގްލަސް އަތުން ވަން ބައި ގޯލެކެވެ.
ސްރީވިޖަޔާއަކީ މިފަހަރުގެ އޭއެފްސީކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓީމު ވަނީ މިއަހަރުގެ ޗެމްޕިއަންސްލީގުގެ ކޮލިފައިންވެސް ކުޅެފައެވެ. ނަމަވެސް އަލްއައިން އަތުން ބަލިވުމުން އެޓީމަށް އަނެއްކާވެސް ޖެހިފައިވަނީ އޭ އެފް ސީކަޕްގެ ޓީމެއްގެ ގޮތުގައި ދެމި އޮންނާށެވެ.