ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޭޝިއާ ސަރަހައްދުގެ ދެ ވަނަ ބުރުގައި މާދަމާ ރޭ ރާއްޖެ އާއި ގަތަރު ކުޅޭ މެޗު ހައި ޑެފިނިޝަން (އެޗްޑީ) ކޮށް ދެއްކުމަށް ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ތައްޔާރުވެއްޖެ އެވެ. މިއީ ރާއްޖޭގައި ކުޅޭ ފުޓްބޯޅަ މެޗެއް އެޗްޑީކޮށް ލައިވްކުރާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމްގެ އިންފޮމޭޝަންސް އޮފިސަރު އަބްދުﷲ ރަމީޒު "ސަން"އަށް މިރޭ ވިދާޅުވީ ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖެ މާދަމާ ކުޅޭ މެޗު ޓީވީއެމް އާއި މީޑިއާނެޓްގެ އައިސް ޓީވީން ލައިވްކޮށް ދައްކާނެ ކަމަށާއި އެ މެޗު އެޗްޑީކޮށް ފެންނާނީ އައިސް ޓީވީ ކަމަށެވެ. އައިސް ޓީވީ ފެންނާނީ މީޑިއާނެޓްގެ ޗެނަލް ނަމްބަރު 100 އިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމަ ކުޅޭ މެޗު ލައިވްކޮށް ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމަ ރޭ ކުޅޭ މެޗު އައިސް ޓީވީން އެޗްޑީކޮށް ފެންނާނީ މީޑިއާނެޓުގެ އެޗްޑީ ޑީކޯޑަރު ބޭނުން ކުރާ ފަރާތްތަކަށެވެ.

ގަތަރާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ މަދަމާ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޭޝިއާ ސަރަހައްދުގެ ދެ ވަނަ ބުރުގެ ގްރޫޕް ސީގައި ގަތަރުގެ އިތުރުން ރާއްޖެއާ ދެކޮޅަށް ކުޅޭ އެހެން ޓީމުތަކަކީ ޗައިނާ އާއި ހޮންގްކޮންގް އާއި ބޫޓާނެވެ. އެގޮތުން ދެ ވަނަ މެޗު އަންނަ ހަފްތާ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލު ކުރާނީ ހޮންގްކޮންގްއާ އެވެ.