އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިސް ނަގައިގެން އިދިކޮޅު ފަރާތަކާ ގުޅިގެން ހުކުރު ދުވަހު މާލޭގައި ބާއްވާ މުޒާހަރާ ތިން ދުވަހަށް ދެމިގެންދާނެ ކަމުގެ ނޯޓިސް އެސްއެމްއެސްއަކުން ފުލުހުންނަށް އަންގައިފި އެވެ.

މުޒާހަރާގެ ނޯޓިސް ފުލުހުންނަށް ރަސްމީކޮށް އެމްޑީޕީން ފޮނުވާފައި ވަނީ، އެ އެއްވުން ނޯޓިސްއަކާ ނުލައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އިޝާރާތްކޮށްފައި ވަނިކޮށެވެ.

އެމްޑީޕީ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "ސަން"އަށް މިރޭ ވިދާޅުވީ އެއްވުމުގެ ނޯޓިސް އެސްއެމްއެސްއަކުން ފުލުހުންނަށް މިރޭ އަންގާފައި ވަނީ ގާނޫނުގައި ބުނާ އެއްވުމާ ގުޅޭ ހުރިހާ މައުލޫމާތު ތަކާއެކުގައި ކަމަށެވެ. އަދި އެސްއެމްއެސްއަކުން އެއްވުމުގެ ނޯޓިސް ފޮނުވުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށް އަނަސް ވިދާޅުވި އެވެ.

"އެސްއެމްއެސްއަކުން ނުވަތަ އީމެއިލަކުން ނުވަތަ ސިޓީއަކުން ވެސް [ނޯޓިސް] ދެވިދާނެ ކަމަށް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނެފައި އޮތީ. އަދި އެސްއެމްއެސް ކުރަންވީ ނަމްބަރު ވެސް ފުލުހުން އެވަނީ އާންމުކޮށްފައި،" އަނަސް ވިދާޅުވި އެވެ.

ސަރުކާރުގެ "އަނިޔާވެރިކަން" ނިންމަން ކަމަށް ބުނެ، އެމްޑީޕީން ހުކުރު ދުވަހު މާލޭގައި ބާއްވާ މުޒާހަރާ ކުރިއަށް ދާނީ މެދުނުކެނޑި ތިން ދުވަހަށް ކަމަށެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ މުޒާހަރާ ދަންވަރު ގަޑީގައި ވެސް ކުރިއަށްދާނެތޯ ސުވާލު ކުރުމުން އަނަސް ވިދާޅުވީ "ރޭވިފައި އޮތީ އެގޮތަށް" ކަމަށެވެ.

ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި އެމްޑީޕީއާއެކު ބައިވެރި ވަނީ އަދާލަތު ޕާޓީ އެވެ. ސަރުކާރާ އިދިކޮޅު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެ މުޒާހަރާގައި ބައިވެރިވުމަށް ނުނިންމަ އެވެ.

ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެފައި ވަނީ އެ މުޒާހަރާއަކީ ސުލްހަވެރިކަމާއެކު ކުރިއަަށް ގެންދާ މުޒާހަރާއެއް ކަމަށާއި އެއްވުމުގައި ހަމަނުޖެހުން އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ.

އެއްވުމުގެ ވަކި ހިސާބަކުން މަޖީދީމަގުގައި އިށީނދެ ތިބެގެން އަޑު އުފުލަމަށް ނިންމާފައިވާ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.