އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިންތިޒާމްކޮށްގެން އިދިކޮޅު ފަރާތްތަކާއެކު ހުކުރު ދުވަހު މާލޭގައި ބާއްވާ މުޒާހަރާގެ ނޯޓިސް ފުލުހުންނަށް ނުފޮނުވައި، މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް އިޝާރާތްކޮށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވާހަަކަފުޅު ދައްކަވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަވާޒު ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ބުނެފައިވާ ގޮތަށް ރާވައިގެން ބާއްވާ އެއްވުމެއް ކަމުގައިވާނަމަ އެ އެއްވުމުގެ ނޯޓިސް އެއްވުން އިންތިޒާމް ކުރާ ފަރާތުން ފުލުހުންނަށް ހުށަހަޅަންޖެހޭނެ އެވެ. އެހެންކަމުން ނޯޓިސް ނުފޮނުވައި ބާއްވާ އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ފުލުހުން ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެއުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައި އެބައޮވެޔޭ ދުރާލާ ރާވައިގެން އެއްވުމެއް ބާއްވާނަމަ ކަންކަން ކުރަންވާގޮތް އެގޮތަށް ނޫންގޮތަކަށް ކަންކަން ކުރާކަމަށް ވަންޏާ ގާނޫނީ އިމުން ބޭރުން ކަންކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމަ ގާނޫނީ އިމުން އެއްވެސް ކަމެއް ކުރާކަށް ފުލުހުން ފުރުސަތެއް ނުދޭނެ،" ނަވާޒު ވިދާޅުވި އެވެ.

އެ ގާނޫނާ ހަވާލާ ދެއްވައި ނަވާޒު ވިދާޅުވީ އެ އެއްވުމުގެ ބާވަތް، އެއްވުން ބޭއްވުމުގެ 36 ގަޑިއިރުގެ ކުރިން ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށާއި ނަމަވެސް މިހާތަނަކަށް އެ އެއްވުމާ ގުޅޭ ނޯޓިސް ފުލުހުންނަށް ފޮނުވާފައި ނުވާ ކަމަށެވެ.

ނަވާޒު ވިދާޅުވީ ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށް، ބާއްވާ އެއްވުމަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ނުދެވޭނެ ކަމަށާއި ގާނޫނާ ޚިލާފަށް ބާއްވާ އެއްވުންތަކާމެދު ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުން ކުރާނެކަމަށެވެ.