ކޮފީ ތަށި ތެރެއިން ކުރަފި ފެނިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ރިޕޯޓް ކުރުމުން، އެ އެޖެންސީން އިންސްޕެޓް ކުރުމަށްފަހު ކެފޭއެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭއިން ބަންދުކޮށްފައި ވަނީ ބުރުޒުމަގުގައި ހުންނަ "ކެފޭ ތާސީރު 2" އެވެ.

އެ ކެފޭގެ މައްސަލަ އެޗްޕީއޭއަށް ރިޕޯޓް ކުރި މީހަކު "ސަން"އަށް ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ އ ެކެފެއަށް ގޮސް ކޮފީ ތައްޓަކަށް އޯޑަރު ކުރުމުން ގެނައި ކޮފީތަށިތެރެއިން ކުރައްޕެެއް ފެނުނީ ކޮފި ބުއި ފަހުން ކަމަށެވެ.

"ކޮފީ ބޮމުން ގޮސް، އެއްޗެއް އަނގައިގެން ޖެހިގެން ބެލީ. އަނގައިގައި ހުރިއެއްޗެހި ވެސް ވަރާލިންް. ބެލިއިރު ކުރަތްޕެއް އޮތީ،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ ކެފޭއިން ހިދުމަތް ހޯދި މީހަކު ބުންޏެވެ.

ކެފޭ ތާސީރުން ކޮފީ ތަށިން ފެނުނު ކުރެފި ނަގައި ވަތުތަށީގައި ބާއްވާފައި-- ފޮޓޯ/ ކިޔުންތެރިއެއް

އެޗްޕީއޭގެ އިންސްޕެކްޝަން ސެކްޝަންގެ ޑިރެކްޓަރު އަހުމަދު ނާސިރު "ސަން"އަށް މިއަދު ވިދާޅުވީ އެޗްޕީއޭއަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ބެލިބެލުމުން އެ ކެފޭތެރޭގައި ކުރެފި ގިނަވުމާ "ހައިޖެނިކް ލެވަލް" ދަށް ވުމުން އެތަން ބަންދު ކޮށްފައިވާ ކަމަށެވެ.

ދެން އެކެފޭ ހުޅުވޭނީ އެކަންކަން ރަނގަޅު ކުރުމަށްފަހު އެޗްޕީއޭއަށް ހުށަހެޅުމުން އެޗްޕީއޭއިން އެކަންކަން އިސްލާހުވީކަން ކަށަވަރު ކުރެއްވުމަށްފަހު ކަމަށް އަހުމަދު ވިދާޅުވި އެވެ.

ކޮފީ ތަށިން ކުރެފި ފެނުނު ކެފޭ ތާސީރި- މިއަދު ވަނީ އެތަން ބަންދުކޮށްފަ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭނާ ވިދާޅުވީ މި ދުވަސްވަރު އާންމުކޮށް ކެފޭ، ހޮޓާ، ރެސްޓޯރެންޓްތައް ބަންދު ކުރަނީ ވަރަށް ހާލަތު ދަށްކޮށް ހުންނަ ތަންތަން ކަމަށެވެ.