ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗް ފަސޭހަ ނުވާނެ ކަމަށް ގަތަރު ޓީމް ކޯޗް އުރުގުއޭގެ ހޯސޭ ޑެނިއުލް ކެރޭނޯ ބުނެފި އެވެ.

މާދާމާ ރޭ ގަތަރާއި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗާއި ބެހޭ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކެރޭނޯ ބުނީ ދެޓީމަށް ވެސް އޮތީ ހަމަ ހަމަ ފުރުސަތެއް ކަމަށާއި ކޮންމެ ޓީމަކަށް ވެސް މޮޅުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކެރޭނޯ ބުނީ ރައްޖެއާ ގަތަރާއި ރޭންކުގެ ގޮތުން ބޮޑު ތަފާތެއް އެބަ އޮތް ކަމަށާއި ނަމަވެސް ރޭންކަކީ ހަމަ އެކަނި ނަންބަރެއް ކަމަށާއި ނަމަވެސް ރޭކުގެ ތަފާތު ދަނޑު މަތީގައި ނުފެނި ދާނެ ކަމަށެވެ.

"ދެ ޓީމްގެ ދެ މެދުގައި އޮތް ރޭންކު ބޮޑު ތަފާތުގެ ވާހަކަ ދައްކަންޏާ ރޭންކަކީ ހަމައެކަނި ނަންބަރެއް. އަހަރެމެންނާ ސްކޮޓްލޭންޑާ ދެމެދު ވެސް ރޭންކު ބޮޑު ތަފާތެއް އެބައޮތް ނަމަވެސް ދަނޑު މަތީގައި އެތަފާތެއް ނުފެނޭ" ސްޕެނިޝް ބަހުން ކެރޭނޯ ދެއްކި ވާހަކަ ތަރުޖަމާކޮށްދިން ގަތަރު ޓީމްގެ އޮފިޝަލް އިނގިރޭސި ބަހުން ބުންޏެވެ.

ކެރޭނޯ ބުނީ ފުރަތަމަ މެޗާއި ފަހު މެޗުން ތިން ޕޮއިންޓް ހޯދުން އެއީ އޭނާގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ އިރު ޕްރެޗަރަކަށް ވަނެތޯ ސުވާލު ކުރުމުން ކެރޭނޯ ބުނެފައި ވަނީ ޕްރެޝައަކީ ފުޓްބޯޅައިގައި އަބަދު ވެސް ކުރިމަތިވާނެ ކަމެއް ކަމަށާއި އޭނާ ގެ ޓީމުން ކުރަން ޖެހޭ ކަމަކީ ޕްރެޝަރ ހޭންޑަލް ކުރުން ކަމަށެވެ.