ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީންގައި ކިޔަވާ ކުދިންގެ ކްލާސްތައް ކުރީގެ އެމްއީއެސް ސްކޫލަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ، ބާ ޖަމާލުއްދީން ހުސްކުރަން ދިން މުއްދަތު ހަމަވާން ތިން ދުވަހަށް ވީއިރުވެސް އެކަން ކުރާތަން ނުފެންނަ ކަމަށެވެ. އެހެންކަމުން 14 ވަނަ ދުވަހު ބާޖަމާލުއްދީން ބިން ސަރުކާރުން ހުސްކުރާނެ ކަމަށާއި އޭގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫ އަރައިފާނެތީ އެމްއީއެސް ސްކޫލުގައި ޔުނިވާސިޓީގެ ކުލާސްތައް ހިންގެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ކުލާސްތަކުގެ އިތުރުން ޔުނިވާސިޓީގެ އިދާރީ އެހެނިހެން ކަންކަން ކުރުމަށް އެމްއީއެސްއިން ޖާގަ ނުދޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ކަންބޮޑުވުމަކީ ކުދިންގެ ކިޔެވުމަށް ހުއްޓުން އަންނާނެތީވެ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކުދިންގެ ކުލާސްތައް، މާނައަކީ ކިޔެވުން، ކުދިންގެ ކުލާސްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރީގެ އެމްއީއެސް އިމާރާތް ދިނުމަށް، ޔުނިވާސިޓީ އަކަށް އެތަން ބަދަލު ވަނީއެއް ނޫން، ބޮޑެތި އޮފީސްތަކެއް އަޅަން ދެނީއެއް ނޫން،" މުއާޒު ވިދާޅުވި އެވެ.

އެމްއީއެސްގައި ހިންގަމުންދިޔަ މަންދު ކޮލެޖް އެތަނުން ބޭރުކޮށް މިހާރު ވަނީ އެއިމާރާތް ސަރުކާރަށް ނަގައިފައެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ޔުނިވާސިޓިއަށް އަންގާފައެވެ. ނަމަވެސް ކުދިންގެ ކިޔެވުން ބުރޫއަރާނެ ކަމަށްބުނެ ޔުނިވާސިޓީން އެތަން ހުސްކޮށްފައެއް ނުވެއެވެ.